މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރުގެ ފަހުކޮޅު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނެސޯ" ވަގުތު ފުޓްސަލް ޗެލެންޖް 2021 ގެ ކޯ ސްޕޮންސަރަކަށް އަވަސް ރައިޑް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ އެންމެ އިތުބާރު ބޮޑު އެއް ޓެކްސީ ބުކިން އެޕްލިކޭޝަން އެޕުގެ ގޮތުގައި ފާހަގަވެފައިވާ އަވަސް ރައިޑުގައި 2000 އަށްވުރެ ގިނަ އުޅަނދު ވަނީ ރަޖިސްޓްރީވެފައެވެ. މި އެޕްލިކޭޝަން މާލޭގެ އިތުރުން އައްޑޫސިޓީއާއި ލާމު އަތޮޅުގައިވެސް ބޭނުންކުރެވެއެވެ.

ވަގުތު ފުޓްސަލް މުބާރާތް 2021 ގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ "ނެސޯ" އެވެ. މޭޖާ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ވީބީ ބްރަދާސް އެވެ. ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން، ޕްރިންޓިން ޕާޓްނަރަކަށް ކޮންޓްރޯލް ޕީ، ސްޕޯޓްސް ޕާޓްނަރަކަށް މަޅި މޯލްޑިވްސް އަދި އޮފިޝަލް ބޯޅަ ސަޕްލައިކޮށްދޭ ފަރާތަކަށް ކިންގް ސްޕޯޓްސް ވަނީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ ތިން އަހަރު ޖުމްލަ 16 ޓީމަކަށް ފުރުސަތު ދީފައިވާއިރު މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 26 ޓީިމެއް ވާދަކޮށްފައިވެއެވެ. މިއަހަރު ބާއްވާ "ނެސޯ" ވަގުތު ފުޓްސަލް ޗެލެންޖުގައި ފުރުސަތު ދޭން ނިންމާފައިވަނީ ޖުމްލަ 24 ޓީމަކަށެވެ.

މި މުބާރާތުގެ ޖާގައެއް މިދިޔަ މުބާރާތުގެ ކުއާޓާފައިނަލް ކުޅުނު 8 ޓީމަށް ކަށަވަރުވެފައިވާ އިރު ބާކީ 16 ޓީމަށް ޖާގަ ދޭނީ މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ތާރީޚެއް ވަގުތު މެނޭޖްމަންޓުން ފަހުން އިއުލާނުކުރާނެ އެވެ.ކޮންމެ ޓީމަކަށް ބިދޭސީ ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތުވެސް ދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ މުބާރާތުން ޖާގަ ކަށަވަރުވެފައި ވަނީ އައްޑޫއަށް ނިސްބަތްވާ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން އުސްގަނޑަ އާއި ރަނަރަޕް މައިލޯ ސިޓީ އެފްސީގެ އިތުރުން އެފްސީ ސްޕްރިންޓް، ޒެލޯން، އައްޑޫ އެއާޕޯޓް ރެކްރިއޭޝަން ކުލަބް (އޭއާރްސީ) އާއި އެފްސީ ބޭރުމަތިގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ، މިދިޔަ އަހަރުގެ މުބާރާތުގެ ތިންވަނަ ޓީމް މާލެގަން ސްޕޯޓްސް ކުލަބް އަދި ހޯދަޑު ސްޕޯޓްސް އެވެ.

މިދިޔަ އަހަރު އައްޑޫސިޓީގައި ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަކީ އެފްސީ އުސްގަނޑަ އެވެ. މިއީ އެ ޓީމު މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް މިދިޔަ އަހަރު 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ ދީފައިވެއެވެ އަދި ރަނަރަޕް ޓީމަކަށް 75،000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދީފައިވެއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ހުށައަޅާފައިވަނީ 150،000 ރުފިޔާއެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ޓްރޮފީއަކީ މުބާރާތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޓްރޮފީއެކެވެ. މިއަހަރުގެ ޓްރޮފީވެސް މުބާރާތަށް ހާއްސަކޮށްގެން ފަރުމާކުރުމަށް ހަމަޖެހިފައިވެއެވެ.