ޕްރިމިއަރ ލީގުގައި ރޭ މޮޅުވާން ދިޔަ ލިވަޕޫލް ކޮޅަށް މެޗުގެ ފަހު ވަގުތު ކޮޅުގައި ޑިފެންޑަރު ސެމީ އަޖާއީ ކާމިޔާބުކޮށްދިން ލަނޑާއި އެކު ވެސްޓް ބްރޮމް އިން މެޗު އެއްވަރުކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން ނަތީޖާ އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލްއެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ސާޑިއޯ މާނޭ އެވެ. މިއީ ޖޮއެލް މަޓިޕް ތަނަވަސް ކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ލިވަޕޫލް އިން މޮޅަށް ކުޅުނު ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަޖާއީ ވަނީ ލަނޑެއް ކާމިޔާބު ކޮށް ވެސްޓް ބްރަމް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުން އެއްވަރުވުމާއެކު ލިވަޕޫލުން މި ސީޒަނުގެ މިހާތަނަށް މޮޅުނުވާ މެޗުތަކުގެ އަދަދު ވަނީ 6 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މުޅި ސީޒަނުގައިވެސް އެޓީމަށް ޖުމްލަ މޮޅު ނުވެވުނު އަދަދެވެ.

މެޗުން އެއްވަރުވި ނަމަވެސް އަދިވެސް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. އެޓީމު ވަނީ ކުޅުނު 15 މެޗުން 32 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް އެވަޓަން ހަމަ މި އަދަދަށް މެޗު ކުޅެގެން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިންވަނައިގައި ލެސްޓަރ ސިޓީ އޮތީ 15 މެޗުން 28 ޕޮއިންޓާއި އެކުގައެވެ.