ފުޓުބޯޅައިގައި އެންމެ އަގުބޮޑު އަދި އެންމެ ގިނަ ކުލަބުތަކުން އެކުޅުންތެރިއަކަށް ފާރަލާ އެއް ކުޅުންތެރިޔާ ކަމަށްވާ ބާސެލޯނާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޓްރާންސްފަރ ވެލިއު އަށް 20 މިލިއަން ޔޫރޯގެ ވެއްޓުމެއް އަތުވެއްޖެއެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި އަގު ވެއްޓިފައިވަނީި 80 މިލިއަން ޔޫރޯއަށެވެ. އެހެންނަމަވެސް ހަ ފަހަރަށް ބެލަންޑޯ އެވޯޑް ހޯދާފައިވާ މެސީ އަކީ އަދިވެސް ލަލީގާގައި މިހާރުގެ ޓްރާންސްފަރ މާކެޓުގައި ހަތަރުވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. މިލިސްޓުގެ އެއްވަނައިގައި 100 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއް ކަނޑައެޅިފައިވާ އެތްލެޓިކޯ މެޑްރިޑުގެ ޖޮއާއޮ ފީލިކްސް އޮތްއިރު ދެވަނައިގައި އެކުލަބުގެ ކީޕަރު އޮބްލަކް އޮތީ 90 މިލިއަން ޔޫރޯ އާއިއެކު އެވެ. ތިންވަނައިގައި އޮތީ މެސީ އާއިއެކު އެއް ޓީމަކަށް ކުޅެމުން އަންނަ ޒުވާން އުންމީދީ ފޯވާޑް އަންސޫ ފަޓީއެވެ.

މެސީގެ ވެލިއު ވެއްޓުމާއި ބެހޭގޮތުން ވާހަކަދައްކަމުން ސްޕެއިންގެ ޓްރާންސްފަރ މާކެޓުގެ މެނޭޖަރު ޓޯބިއަސް ބްލެސެއިއޯ ބުނީ މެސީގެ ވެލިއޮ މިހާ ބޮޑަށް މިވެއްޓުނީ މެސީ މިހާރު ގުނަމުން އެދަނީ އޭނާގެ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ކަމަށް ވުމާއި ބާސާއިން ކުރިމަތިލާން ޖެހިފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

މެސީގެ އަގު 80 މިލިއަން ޔޫރޯއަށް މި ވެއްޓުނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު 100 މިލިއަނަށް ވުރެ މަތީގަައި ހުރުމަށްފަހުގައި އެވެ. މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އޭނާގެ ޓްރާންސްފަރ ފީއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 180 މިލިއަން ޔޫރޯ އެވެ.

މެސީގެ ޓްރާންސްފަރ ވެލިއުއަށް ބޮޑު ވެއްޓުމެއް އައިސްފައިވާއިރު އޭނާ ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހަށް ހަމަވާނެއެވެ. މިހާރުވެސް ބޭނުން ކުލަބަކާއި އެކު ޓްރާންސްފަރ މަޝްވަރާތައް ފެށުމުގެ ރަސްމީ ހައިސިއްޔަތު މެސީއަށް ލިބިފައިވާއިރު މިހާތަނަށް މެސީ ބެހެއްޓުމަށް ބާސާއިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައެއް ނުވެއެވެ. މެސީގެ ސޮއެ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި ރިޕޯޓްތައް ބުނާގޮތުން އޮތީ ފުޓުބޯޅައިގެ އެންމެ މުއްސަނދި ދެކުލަބު ކަމަށް ބެލެވިފައިވާ އިނގިރޭސި ވިލާތުގެ މެންޗަސްޓަރ ސިޓީ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. އެހެންނަމަވެސް މިހާތަނަށް މެސީވެސް އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތް ތެރިވާ އޭނާގެ ބައްޕަ ވެސް ޓްރާންސަފަރ އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.