އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފަައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އިންތިހާބު ކުރިޔަށްދާނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުންނެވެ. މި އިންތިހާބު އެކެއްގައި ބާއްވަނީ އެފްއައިވީބީގެ އެދުމުގެ މަތިން ކުލަބުތަކާއި މަަޝްވަރާކުރުމަށް ފަހު އެވެ.

ވީއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއޭއެމުގެ ކުރިއަށް އޮތް ދައުރަށް އިންތިޚާބުކުރެވޭ ހިންގާ ކޮމިޓީ މެމްބަރުންނާއި އިންތިޚާބު ކުރެވޭ ކޮމިޝަން މެންބަރުން ހޮވުމައްޓަކައި ބާއްވާ ޖެނެރަލް އިލެކްޓޯރަލް އެސެމްބްލީ އޭޕްރީލް މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށާއި، އެހެންނަމަވެސް އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، އެކަން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި، އިލެކްޓޯރިއަލް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ވަނީ ބުނެފައެވެ.

ވީއޭއެމުގެ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ ރައީސާއި، ނައިބު ރައީސާއި، ހަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއިރު، މި އިންތިޚާބުގައި ބައިވެރިވުމަށް ވީއޭއެމުގެ "ޖެނެރަލް އިލެކްޓޯރިއަލް އެސެމްބްލީ - ކެންޑިޑެސީ ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވީއޭއެމުގް އެލެކްޓޯރަލް އީމެއިލް [email protected] އަށް މެއިލްކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ވީއޭއެމުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު، މީގެ ކުރިން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އިލްޔާސް ވަހީދު (އިއްލަ) އާއި މުޙައްމަދު ރަނޭޝް (ރަނޭ) އެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ ނުވަ ކުލަބަކަށެވެ. އެއީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.