މޮނާކޯ އަށް ކުޅެމުން އައި ފްރާންސްގެ އުއްމީދީ ކުޅުންތެރިޔާ ތޯމަސް ލެމާ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 22 އަހަރުގެ ލެމާ ގެނައުމާ ގުޅޭގޮތުން މޮނާކޯއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަން އެތްލެޓިކޯ އިން ރޭ ވަނީ ހާމަކޮށްފައެވެ. މި ޓްރާންސްފާ މުޅިން ފުރިހަމަވާނީ އެތްލެޓިކޯގެ މެޑިކަލް ލެމާ ފުރިހަމަ ކުރުމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ލެމާ އެތްލެޓިކޯ އަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލެމާ އެތްލެޓިކޯ އަށް ބަދަލުވާއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ގެނައުމަށް އާސެނަލް އާއި ލިވަޕޫލް ފަދަ ކްލަބުތަކުން ވެސް ޝައުގުވެރިވިއެވެ.

2015 ވަނަ އަހަރު މޮނާކޯއާ ގުޅުނު ލެމާ އަކީ މިދިޔަ އަހަރު އެ ކްލަބަށް ފްރެންޗް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ލެމާ ވަނީ މޮނާކޯ އަށް 123 މެޗު ކުޅެދީ 22 ގޯލު ކާމިޔާބުކޮށްދީފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑުން ވެސް ލެމާ އަށް ޖާގަ ލިބިފައިވާއިރު އޭނާ ވަނީ އެޓީމަށް މިހާތަނަށް 12 މެޗު ކުޅެދީފައެވެ.

ލެމާ މޮނާކޯ ދޫކޮށްލިއިރު އެ ކްލަބަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ވެސް ދާދިފަހުން ވަނީ މޮނާކޯ ދޫކޮށްލާފައެވެ. މޮނާކޯ ދޫކޮށްލުމަށްފަހު ފަބީނިއޯ ބަދަލުވީ ލިވަޕޫލް އަށެވެ.