2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ފީފާ އިން ނިންމައިފިއެވެ.

އުތުރު އެމެރިކާ އަށް ނިސްބަތްވާ މި ތިން ގައުމުގައި ވޯލްޑް ކަޕް ބާއްވަން ފާސްކުރީ މިހާރު ކުރިއަށްދާ ފީފާގެ ކޮންގްރެސްގައެވެ. އެގޮތުން މި ތިން ގައުމުގައި މުބާރާތް ބާއްވަން 134 ގައުމަކުން ވަނީ ވޯޓު ދީފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން އުތުރު އެމެރިކާގެ ގައުމުތަކާއި ދެން ވާދަކުރީ މޮރޮކޯއެވެ. އެގައުމަށް ލިބުނީ 65 ވޯޓެވެ.

2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ ވޯލްޑް ކަޕްގެ އެންމެ ބޮޑު މުބާރާތަށެވެ. އެގޮތުން އެ މުބާރާތުގައި 48 ޓީމު ވާދަކުރާއިރު 34 ދުވަހުގެ ތެރޭގައި 80 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

"އަހަރުމެންނަށް އިތުބާރުކޮށް މި ފުރުސަތު ދެއްވީތީ ޝުކުރު އަދާކުރަން. މިއަދު ކާމިޔާބީ މި ލިބުނީ ފުޓްބޯޅަ އަށް" އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް ކާލޯސް ކޯޑެއިރޯ ވިދާޅުވިއެވެ.

ވޯލްޑް ކަޕެއް ބޭއްވުމުގެ ފުރުސަތު ލިބުނު އިރު އެމެރިކާ އާއި މެކްސިކޯގައި ވެސް މީގެކުރިން ވޯލްޑް ކަޕް ބާއްވާފައިވެއެވެ. އެގޮތުން މެކްސިކޯގައި 1970 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވިއިރު އެމެރިކާގައި ބޭއްވީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

އަދި ކެނެޑާގައި 2015 ވަނަ އަހަރުގެ ވަނީ އަންހެނުންގެ ވޯލްޑް ކަޕެއް ބާއްވާފައެވެ.