އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ގްރިޒްމަން އެތްލެޓިކޯގެ ކޮންޓްރެކްޓް އާކުރީ 2023 ވަނަ އަހަރާއި ހަމައަށް އެ ކްލަބުގައި ހުރުމަށެވެ. ކޮންޓްރެކްޓް އާކުރި ނަމަވެސް ގްރިޒްމަންގެ ރިލީޒް ކޯލްސް ބޮޑުކުރިކަން އެތްލެޓިކޯ އިން ހާމަކޮށްފައެއް ނުވެއެވެ. ގްރިޒްމަންގެ މިހާރުގެ ރިލީޒް ކްލޯސް އަކީ 100 މިލިއަން ޔޫރޯއެވެ.

ގްރިޒްމަންގެ އިތުރުން އެ ކްލަބުގެ ޑިފެންޑަރު ލޫކަސް ހަނާންޑޭޒް ވެސް ވަނީ އިއްޔެ ކޮންޓްރެކްޓް އާކޮށްފައެވެ. އޭނާ ކޮންޓްރެކްޓް އާކުރީ 2024 ވަނަ އަހަރާއި ހަމައަށް އެ ކްލަބުގައި ހުރުމަށެވެ.

ގްރިޒްމަން އެތްލެޓިކޯގެ ކޮންޓްރެކްޓް އާކުރިއިރު މިފަހަރުގެ ޓްރާންސްފާގައި އޭނާ ގެނައުމަށް ބާސެލޯނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބާސާގެ ހުށަހެޅުމަށް ނޫނެކޭ ބުނެ އެތްލެޓިކޯގައި މަޑުކުރަން ނިންމިކަން މިދިޔަ ބުރާސްފަތި ދުވަހު ގްރިޒްމަން ވަނީ އިއުލާންކޮށްފައެވެ.

ގްރިޒްމަން ގެންނަން ބާސާ އިން މިފަހަރު މަސައްކަތް ކުރިއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޝައުގުވެރިވިއެވެ. އެފަހަރު ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގްރިޒްމަން ދިޔަ ނަމަވެސް ފަހުވަގުތު އޭނާ އެތްލެޓިކޯގައި މަޑުކުރީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން އެތްލެޓިކޯ އަށް ދިން އަދަބެއްގެ ސަބަބުންނެވެ.

2014 ވަނަ އަހަރު އެތްލެޓިކޯ އާއި ގުޅުނު ގްރިޒްމަން އަކީ އެޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ގްރިޒްމަން ވަނީ މިދިޔަ ސީޒަނުގައި އެތްލެޓިކޯ އަށް ކުޅުނު 49 މެޗުގައި 29 ގޯލު ކާމިޔާބުކޮށްފައެވެ.