ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިން އާއި ޕޮލޭންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ގްރޫޕުގެ ފޯރި ގަދަވެއްޖެއެވެ.
މި ދެ ޓީމުވެސް އޮތީ ތާވަލުގެ ފަހަތުގައެވެ. ސްޕެއިން ފުރަތަމަ މެޗުންވެސް އެއްވަރުވުމާއެކު އެ ޓީމު އޮތީ މި މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ ދެ ޕޮއިންޓް ހޯދައިގެން ތިންވަނައިގައެވެ. ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ޕޮލޭންޑެވެ. މި ގްރޫޕް އެއްވަނައިގައި 4 ޕޮއިންޓާއެކު ސްވިޑަން އޮތްއިރު ދެވަނައިގައި އޮތީ ސްލޮވާކިޔާ އެވެ.
މެޗު ފަށައިގެން ނުރައްކާކުރީ ޕޮލޭންޑެވެ. އެގޮތުން ޕޮލޭންޑްގެ ތަރި ރޮބަޓް ލެވަންޑޮސްކީގެ ނުރައްކާ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. ހާއްސަކޮށް ކައުންޓަރ އެޓޭކުތަކުގައި ލެވަންޑޮސްކީގެ ނުރައްކާ ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ.
ޕޮލޭންޑުން ކައުންޓާ އެޓޭކުތަކުގައި ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް ސްޕެއިން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖެރާޑް މޮރޭނޯ ތަނަވަސްކުރި ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ ވަރަށް ހުސްކޮށް ހުރެއެވެ.
މި ލަނޑަށްފަހު ރެފްރީ ވީއޭއާރު ބެލިއެވެ. އެއީ އެ ލަނޑުޖެހި އިރު މޮރާޓާ އޮފްސައިޑުކަމަށް ބަލައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ނޫން ކަމަށެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ޕޮލޭންޑަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭރިއާ ބޭރުން ޕޮލޭންޑުގެ ސްވިޑާސްކީ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އެ ބޯޅަ އައި ނަމަވެސް ދެވަނަ ފަހަރަށް ލެވަންޑޮސްކީ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ސްޕެއިން ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޕޮލޭންޑެވެ. މި ހާފުގެ ކުރީކޮޅު ރަނގަޅު ފުރުސަތުތަކެއް އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޮލޭންޑުން ނަތީޖާ ހަމަހަމަކުރި އެވެ. ކެޕްޓަން ލެވަންޑޮސްކީ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ޖޮޒެވިއަކް ނަގައިދިން ހުރަހަކުންނެވެ.
މި ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ސްޕެއިންއަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ މޮރޭނޯ އަށް ޕޮލެންޑްގެ މޮޑާ ކުރި ފައުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. ނަމަވެސް މޮރާޓާ ފޮނުވާލި މި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ދެވަނަ ފަހަރަށް މޮރާޓާ އަށް ޖަހަން ބޯޅަ ލިބުނެވެ. ނަމަވެސް އޭނާއަށް އެ ބޯޅަ ގޯލާއި އަމާޒުނުވިއެވެ.
މެޗުގެ ފަހުކޮޅު ސްޕެއިން އިން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ރަނގަޅަށް ނިންމާނުލެވެއެވެ. މިއީ ސްޕެއިންގެ ތާރީހުގައިވެސް އެ ޓީމަށް ދަށް ޔޫރޯއެކެވެ.
ޕެނަލްޓީ ޖެހީ މޮރާޓާއެއް ނޫން. ޕެނަލްޓީ ޖެހީ ޖެރާޑް. ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ މޮރާޓާ ޖެހީ.