ފުޓުބޯޅަ އަކީ ގިނަ ބައެއްގެ ހިތަށް ތަދުވާ ކަހަލަ ކަންތައްތައް ދިމާވާ ކުޅިވަރެއް ކަމާމެދު ޝައްކު ކުރާނެ މީހުން މަދުވާނެއެވެ. އެގޮތުން ރޭ ވޯލްޑް ކަޕު ގުރޫޕް ސްޓޭޖު ފަހު މެޗުން މިސްރު ބަލި ވުމުގެ އިރުކޮޅެއް ފަހުން އެގައުމުގެ ފުޓުބޯޅަ ކޮމެންޓޭޓަރެއް ވަނީ މަރުވެފައެވެ.

މިސްރުގެ ނޫސް ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސައުދީ އާއި މިސްރު ބައްދަލު ކުރި މެޗުގެ ފަހު މިނެޓުގައި ސައުދީ އިން ޖެހި ލަނޑާއި އެކު މިސްރު ބަލިވުމުގެ އިރުކޮޅެއް ފަހުން އެގައުމުގެ ފުޓުބޯޅާ ކޮމެންޓޭޓަރެއް ކަމަށްވާ އަބްދެލް ރަހީމް މުހައްމަދު އަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ.

މެޗު ނިމުނުތަނާހެން ގޮތަކަށް ރަހީމް މުހައްމަދުގެ މޭމައްޗަށް ތަދުވާ ކަމުގެ ޝަކުވާ ލިބުމުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޑޮކްޓަރުން މަސައްކަތް ކުރި ނަމަވެސް ރަހީމް މުހައްމަދުގެ ފުރާނަ ސަލާމާތް ކުރެވޭ ގޮތެއް ނުވިއެވެ.

ރޭ ކުޅުނު މި މެޗުގައި ކުޅުނީ ވޯލްޑް ކަޕުން ކަޓާފައިވާ ދެ ޓީމު ކަމަށް ވީނަމަވެސް މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. މެޗުގެ ފުރަތަމަ ހާފުގައި މިސްރުގެ ތަރި މުހައްމަދު ސަލާހު ލަނޑެއް ޖަހައި މިސްރަށް ކުރި ހޯދައިދިން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސައުދީ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ސައުދީ އިން އިތުރު ލަނޑެއް ޖަހައި މިސްރު ސަޕޯޓަރުންގެ ހިތްތައް ކުދި ކުދި ކޮށްލާފައެވެ.