އެސްޓަން ވިލާ ދޫކޮށް އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ރެކޯޑު އަގެއް ކަމަށްވާ 100 މިލިއަން ޕައުންޑަށް މެންޗެސްޓަ ސިޓީއަށް ސޮއިކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ސިޓީއަށް ސޮއިކުރި އަގު ބޮޑުވެފައިވަނީ އޭނާ އެސްޓަންވިލާއާއެކު 2025 ގެ ނިޔަލަށް އެއްބަސްވުމެއް އޮތުމުންނެވެ. ގްރީލިޝް ސިޓީއާއެކު ހަދާފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އޭނާގެ އެއްބަސްވުން ހަމަވާނީ 2027 ގެ ހޫނު މޫސުމުގައެވެ.

އިނގިރޭސި ގައުމީ ޓީމުގަައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާއަށް ބޮޑެތި ގިނަ ކުލަބުތަކުން ވަނީ ފާރަލާފައެވެ. ނަމަވެސް ސިޓީން ހުށައެޅި ބިޑާ އެއްވަރުގެ ބިޑެއް އެހެން ކުލަބަކަށް ހުށަނޭޅޭނެއެވެ.

ސިޓީން ގްރީލިޝް އަށް ފާރަލާން ފެށީ ޓޮޓެންހަމްގެ ހެރީ ކޭން ގަތުމަށް 140 މިލިއަން ޕައުންޑް ހުށައެޅުމުން އެ އަގަށް ޓޮޓެންހަމުން ދެކޮޅު ހެދުމުންނެވެ. ގްރީލިޝް ސިޓީއަށް ސޮއިކޮށްފި ނަމަ އޭނާ ވެގެންދާނީ ޕްރިމިއަ ލީގުގެ އެންމެ އަގު ބޮޑު ޓްރާންސްފަ އަށެވެ. އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ޝަރަފު މިހާރު އޮތީ މެންޗެސްޓަ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަތުގައެވެ. ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 123 މިލިއަން ޑޮލަރަށެވެ.

އާ ސީޒަނަށް ތައްޔާރުވާ ޓީމުތަކުގެ ތެރެއިން ގްރީލިޝް ވިއްކާލައިން އެސްޓަންވިލާއިން މަސައްކަތްކުރަނީ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށެވެ. ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުން މަސައްކަތްކުރަނީ ވަރުގަދަ ކުުޅުންތެރިން ގެނައުމަށެވެ. އަލަށް ގެންނަން ނިންމި ބައެއް ކުޅުންތެރިންގެ ތެރޭގައި ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް އަދި ބަޔާ ލެވަކޫސަންގެ ލެއޯން ބެއިލީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.