ލަލީގާގެ މާލީ ގަވާއިދުގެ ސަބަބުން ބާސެލޯނާއިން ވަކިވި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުންވީ ކުލަބުގައި މަޑުކުރަން ކަމަށާއި އެއް ކުޅުންތެރިއަކަށް ބަރޯސާވެގެން މުޅި ކުލަބް ހަލާކުކޮށް ނުލެވޭނެ ކަމަށް ބާސެލޯނާގެ ރައީސް ލަޕޯޓޭ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ އާއެކު އެއްބަސްވުމަކަށް ނުގޮސް މެސީ އެ ކުލަބް ދޫކޮށްލަން ޖެހުނީ އެ ކުލަބަށް އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނާއި ސްޕެނިޝް ލަލީގާގެ ރެގިއުލޭޝަންތައް ހުރިގޮތުންނެވެ.

މިކަމާއި ގުޅިގެން ބާސެލޯނާގެ ރައީސް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލަޕޯޓޭ ވިދާޅުވީ މެސީ ބަހައްޓަން ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ދިމާވި ހަމައެކަނި ގޮންޖެހުމަކީ ލަލީގާގެ ހަރުކަށި މާލީ އުސޫލުތައް ކަމަށެވެ.

"މެސީ ހުރީ އިއްޔެ އެއްބަސްވުމުގައި ސޮއިކުރާގޮތަށް، އެންމެ ފަހު ވަގުތު ކަން މިހެން ދިމާވުމުން ސޮއި ނުކުރެވުނީ، އަހަންނަށް އެނގޭ މިއީ މެސީއަށް ވަރަށް އުނދަގޫވާނެ ދަނޑިވަޅެއްކަން ވެސް، މެސީ އެބަޖެހޭ ހަގީގަތާއި ކުރިމަތިލާން، އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރެވިއްޖެ، ވަރަށް ބޮޑަށް މައާފަށް އެދެން" ބާސެލޯނާގެ ރައީސް ވިދާޅުވިއެވެ.

ލަޕޯޓޭ ވިދާޅުވީ ލަލީގާގެ އެ އުސޫލުތައް މިއަށްވުރެ ރަނގަޅުވާން ޖެހޭ ކަމަށާއި ކޮންމެ ގޮތެއްވިއަސް ހެދިފައިވާ ގާނޫނުތަކަށް ބާސެލޯނާއިން ބޯލަނބާނެކަން މިކަމުން ހާމަވާ ކަމަށެވެ.

"މެސީއަށް މި ކުލަބަށް ގިނަ ހިދުމަތްތަކެއް ކޮށްދީފި، އޭނާގެ މޫތަށް އަދިވެސް ކުލަބުގެ ތެރޭގައި އެބަހުރި، އަހަރެމެން (ބާސެލޯނާ) ތާރީހީ ކާމިިޔާބީތަކެއް ހޯދައިދިން، ކުލަބުގެވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ އެއީ، މިއީ ބާސެލޯނާއަށްޓަކައި އަހަރެމެން ނިންމި އުނދަގޫ ނިންމުމެއް، އަހަރެމެން މެސީއާ މި ވާހަކަ ދެއްކިއިރު އެހެން ކުލަބުތަކުން ވެސް އޭނައަށް އޮފާކުރި، އެކަން ދަނެގެން އަހަރެމެން މިކަން އަވަސްކުރަން މަސައްކަތްކުރީ" ލަޕޯޓޭ ވިދާޅުވިއެވެ.

މެސީގެ މުސާރައަކީ ބާސެލޯނާއަށް ލިބޭ އާމްދަނީގެ 110 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މުސާރަ ދިނުމާއި މެދު ކުލަބުން އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. އަދި މެސީއާއި އެކު އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ބާސެލޯނާއަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުން ގާތް ކަމަށާއި އެކަމަށް ކުލަބު ތައްޔާރުވަމުން އަންނަ ކަމަށްވެސް ލަޕޯޓޭ ވިދާޅުވިއެވެ. އަދި ވަކި ކުޅުންތެރިއެއް ކުލަބަށްވުރެ މުހިއްމު ނުވާނެކަމަށް ވެސް ބުންޏެވެ.

ލަޕޯޓޭ މިހެން ވިދާޅުވިއިރު މެސީ ކުލަބުގައި ބަހައްޓާނެކަމަށް ބުނެ އޭނާ ވަނީ ރައީސްކަމަށް ހޮވުމުގެ ކުރިން ސަޕޯޓަރުންނަށް ވައުދުވެފައެވެ. މިކަމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބާސެލޯނާ ސަޕޯޓަރުން ދަނީ ލަޕޯޓޭގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ގާބިލު މީހަކަށް ކުލަބުގެ ހުންގާނު ދިނުމަށްވެސް އެ ސަޕޯޓަރުން ދަނީ ގޮވަމުންނެވެ.