ޖެކް ގްރީލިޝް ބޮޑު އަގުގައި މެންޗެސްޓަރ ސިޓީއަށް ގެނައުމާއި އެކު އެ ކުލަބުގެ ޕްލޭނުތަކުގައި ލިއޮނަލް މެސީ މިހާރު ނުހިމެނޭ ކަމަށް އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެސީއާއި އެކު ބާސެލޯނާ އިތުރު އެއްބަސްވުމަކަށް ނުދާނެކަން ހާމަކޮށް މެސީ ދޫކޮށްލުން ވެގެންދިޔައީ ބޮޑު ހަބަރަކަށެވެ. އެއާއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ މެސީ ސިޓީއަށް ބަދަލުވާނެ ކަމަށެވެ. އެއީ އެ ކެރި ފޯރުންތެރިކަން ހުރި މަދު ކުލަބުތަކުގެ ތެރޭގައި ސިޓީ ހިމެނޭތީއެވެ.

ނަމަވެސް މި ސުވާލުތަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ މެސީއަކީ ކޮންމެ ޓީމެއްވެސް ބޭނުންވާ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި މިހާރު ސިޓީން ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކޮށްފައިވުމުގެ ސަބަބުން އިތުރު ކުޅުންތެރިއެއް ގެނައުމަށް މިވަގުތު ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ސްކޮޑާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ބާސެލޯނާއާއި އެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން ހަމަވެފައިވަނީ ޖޫން މަހުގައެވެ. މިހާދުވަސް ވަންދެން އޭނާ ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ނުވަތަ ބޭނުން ކުލަބަކަށް ކުޅުމުގެ އިހްތިޔާރު މެސީއަށް އޮތުމެވެ. ނަމަވެސް މެސީ އެންމެ ފަހު ވަގުތާއި ހަމައަށް މަޑުކުރީ ބާސެލޯނާއާއި އެކު ކުރިޔަށްދެވޭނެ ގޮތެއް ބެލުމަށެވެ. އެކަން ނުވުމުން މެސީ ވަނީ އެހެން ކުލަބެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ދިއުން އެންމެ ގާތީ ފްރާންސްގެ ގަދަބާރު ޕީއެސްޖީއަށެވެ. އެއީ މިހާތަނަށް އައި އިރު އެ ކުލަބުގެ އޮފިޝަލުން މެސީއާއި ގުޅޭގޮތުން ދައްކާފައިވާ ބައެއް ވާހަކަތަކާއި މީޑިއާތަކުގެ ވާހަކަތަކަށް ބަލާއިރު އެވެ.

ބާސެލޯނާގެ ތާޜީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ. އެ ކުލަބުުގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 10 ސްޕެނިޝް ލީގާއި ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދާފައެވެ.

މީގެއިތުރުން މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަ ފަހަރު މި އެވޯޑު ހޯދާފައެވެ.