ފުޓުބޯޅައިގެ ވާހަކައެއް ދައްކާނަމަ ގިނަބަޔަކު މިހާރު ދައްކާ އެއް ވާހަކައަކީ ލިއޮނަލް މެސީ ކުރިމަގުގައި ކުޅޭނީ ކޮން ޓީމަކާއި މެދުއެވެ. މިދިޔަ ބުރާސްފަތި ދުވަހު މެސީއާއި ބާސެލޯނާއާއި ދެމެދު އޮތް ބާބު އެއްކޮށް ނިންމާލިއިރު އެންމެ ބޮޑަށް ކެކި އަރައިގަތީ މީސްމީޑިއާގެ ވަސީލަތްތަކެވެ. އެއްބަޔަކު މެސީއަށް ނުހެއްދެވި ގޮވަނީއެވެ. މެސީއަކީ ހާއިނެއްކަމަށް އެއްބަޔަކު ބުނެއެވެ. އަނެއްބަޔަކު ބުނާގޮތުން މި ނިންމުން ނިންމަން މެސީއަށް މާ ލަސްވެސްވެއްޖެ އެވެ.'

ބާސެލޯނާގެ ޖާރޒީގައި މެސީ ދެން ނުފެންނާނެ އެވެ. އެކަން އެ ކުލަބުން ކަށަވަރުކޮށްދިން އިރު މިހާތަނަށް އައި އިރުވެސް މެސީ ކުޅޭނެ ޓީމެއް ކަށަވަރެއްނުވެ އެވެ. ނަމަވެސް މީސްމީޑިއާގައި މެސީ ދާނެ ޓީމަކާއި މެދު އެތައް ބަޔަކު އެތަކެއް ހުވަފެނެއް މިހާރުވެސް ދަނީ ބަލަމުންނެވެ. ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ޖާރޒީ ބަދަލުކޮށް އެ މީހެއް ނުވަތަ އެ ބަޔަކު ސަޕޯޓުކުރާ ޖާރޒީގައި މެސީ ހުއްޓާ ފޮޓޯތައް ބަދަލުކުރަމުންދެއެވެ.

މެސީގެ ކުލަބް ޖާރޒީ ބަދަލުކުރަނީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބަލާތީކަން ޔަގީނެވެ. އެއީ މިވީހާ ދުވަހު މެސީ ބާސެލޯނާ ޖާރޒީ ފިޔަވާ އެހެން ޖާރޒީއެއްގައި ކުލަބް ފުޓުބޯޅަ ކުޅުނު ތަން ފެނިފައިނުވާތީ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއަކު އެމީހަކު ސަޕޯޓުކުރާ ކުލަބެއްގެ ޖާރޒީގައި ފެނުމަކީ އެއީ ދެކޭނެ އެންމެ ބޮޑު ހުވަފެނެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާލިނަމަވެސް މިކަމުގައި އޮތް ފޯރި ވަރަށް ރަނގަޅަށް އެބަ ހާމަވެއެވެ. އާސެނަލް، ޗެލްސީ، ޕީއެސްޖީ، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑުގެ ޖާރޒީގެ އިތުރުން މި ކުޑަ ރާއްޖޭގައިވެސް ބަޔަކު ވަނީ ރާއްޖޭގެ ކުލަބުތަކުގެ ޖާރޒީ ލައްވާފައެވެ. މިހާތަނަށް މެސީ ބޭނުންކުރީ މާޒިޔާ އަދި ކުލަބް އީގަލްސްގެ ޖާރޒީގައެވެ.

މެސީ ވެލެންސިއާ އަދި މާޒިޔާ ޖާރޒީގައި-- ފޮޓޯ: ސިޑިބަރި

ކޮންމެއަކަސް މެސީގެ މުސްތަގްބަލާއި މެދު ކުރެވޭ ސުވާލަކީ މިހާރު މީސްމީޑިއާގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައެވެ. އޭނާ ދެން ދާނެ ކުލަބެއް ޔަގީންވަންދެން މިކަމެއް މީސްމީޑިއާގައި ކުރިޔަށްދާނެ ކަމަށް ބެލެވެއެވެ. މިއީ ފުޓުބޯޅައިގެ ތާރީހަށް ބަލާލިނަމަވެސް އެއް ކުޅުންތެރިއަކަށް އަމާޒުކޮށްގެން މިހާ ބޮޑަށް ވާހަކަދެކެވޭ ފަހަރަށް ވެދާނެއެވެ. އެކަން މީސްމީޑިއާގެ ބައެއް ދިރާސާކުރާ މާހިރުން ގަބޫލުކުރެއެވެ. އެމީހުންގެ ހަޔާތުގައިވެސް މިހާތަނަށް ފުޓުބޯޅަ ކުޅުންތެރިއަކާއި ގުޅޭގޮތުން މިހާވަރަށް ބަޔަކު މީސްމީޑިއާގައި ވާހަކަދައްކާ، ހިޔާލުފާޅުކޮށް، ފޮޓޯ އެޑިޓުކޮށް، އަރާރުންވެ ހަދާފައެއް ނުވެއެވެ. މި ހުރިހާ ކަމަކަމުންވެސް ޔަގީންވަނީ އެއް ކަމެކެވެ. އެއީ މެސީގެ ހުރި ނުފޫޒެވެ. އޭނައަށް އޮތް ބޮޑު ތާއިދެވެ. އަދި އޭނައަށް އޮތް ލޯތްބެވެ.

މީގެކުރިން މިހާވަރަށް އެއް ކުޅުންތެރިއެއްގެ ވާހަކަ އެންމެ ގިނައިން ދައްކާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެއެވެ. އެއީ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމުންނެވެ. ނަމަވެސް އޭރު ރޮނާލްޑޯ ޔުވެންޓަސްއާއި ގުޅުނުއިރު އެކަން ގިނަ ބަޔަކަށް ކުރީބައިގައި އޮތީ އަންގާފައެވެ. އެހެންވެ މާ ބޮޑު ފޯރި އެރި ކަމަކަށް އެކަމެއް ނުވިއެވެ.

ފުޓުބޯޅަ ސަޕޯޓަރުން ދެން އުފައްދާނެ އެއް ސުވާލަކީ މެސީ ދެން ދާނީ ކޮން ކުލަބަކާއި މެދުއެވެ. ރިޕޯޓުތައް ބުނާގޮތުން މެސީ ހޯދުމުގެ ގާބިލުކަން މިހާރު އޮތް ދެ ކުލަބަކީ ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީއެވެ. ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މެސީ އެ ޓީމުގެ ޕްލޭންތަކުގެ ތެރޭގައި ނުހިމެނޭކަމަށް ދާދިފަހުން ބުނެފައެވެ. އެހެންކަމުން ދެން އޮތީ ޕީއެސްޖީއެވެ. އެ ކުލަބަށް ގުޅުމަކީ ވަރަށް ގާތް ކަމެކެވެ. އެއީ މިހާތަނަށް ރިޕޯޓުތައް ފެންނަގޮތުން މުއާމަލާތްތަކެއް ކުރަމުންދަނީ އެ ކުލަބާއެކު ކަމަށް ވާތީއެވެ.

ބާސެލޯނާގެ ތާޜީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ. އެ ކުލަބުުގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 10 ސްޕެނިޝް ލީގާއި ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދާފައެވެ. މީގެއިތުރުން މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަ ފަހަރު މި އެވޯޑު ހޯދާފައެވެ.

މި ހުރިހާ ކާމިޔާބީއަކާއެކު ބާސެލޯނާއޭ ބުނެފިނަމަ ގިނަބައެއްގެ ހިތަށް ނަގައިގަނެވޭނީ މެސީ އެވެ. އެކަން ބަދަލެއް ނުވާނެއެވެ. އެއީ އެ ކުލަބުގެ ތާރީހުގައިވެސް ރަން އަކުރުން ފަވާލެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއަކަށް ވާތީއެވެ. އެ ޖާރޒީގައި ގިނަ ހަނދާންތަކެއް އެކުލެވުމުންނެވެ. މެސީއަކީ ބާސެލޯނާގެ ރަން ޖީލުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. އެ ތާރީހީ ކާމިޔާބީތަކުގައި މެސީގެ ރޯލުވެސް ބޮޑެވެ. އެހެންކަމުން މެސީ ހިތަށް ނަގާއިރު ބާސެލޯނާ މަތިން ހަނދާންވާ ހަނދާންވުން ނައްތާލަން ގިނަ ދުވަސްތަކެއް ވާނެކަން ޔަގީނެވެ.

ބާސެލޯނާގެ ސަޕޯޓަރުން މެސީއަށް އޮތް ލޯބި ހާމަވެގެންދިޔައީ އޭނާ އެ ކުލަބު ދޫކޮށްލާނެކަން ހާމަކުރިތަނާ ހެން ބާސެލޯނާގެ ރަސްމީ ދަނޑު ސަރަހައްދަށް އެ ކުލަބުގެ ސަޕޯޓަރުން ޖަމާވާން ފެށުމުންނެވެ. ގިނަ ބަޔަކު އަދިވެސް އެ ހިތާމައިގައި ތިބިއިރު ގިނަ މީހުން އަދިވެސް ތިބީ މެސީ ބާސެލޯނާ ދޫކޮށްލާނެކަމާއި މެދު ޝައްކެއްގައެވެ. އަނެއްބަޔަކު ބުނަމުންދަނީ ކަމުގެ ހަގީގަތް ކުލަބުން ހާމަކޮށްދިނުމަށެވެ. އަދި މެސީ އެ ކުލަބު ދޫކޮށް ނުދާނެ ކަމަށެވެ. ބާސެލޯނާގެ މިހާރުގެ ރައީސް ލަޕޯޓޭ އެ ކުލަބުގެ ރައީސްކަމަށް ވެސް އައީ މެސީ ހުންނާނެކަމުގެ ފޮނި ހުވަފެންތައް ދައްކަމުންނެވެ. ނަމަވެސް އާހިރުގައި އެކަން ނުވުމުން ގިނަބައެއްގެ ނުރުހުން އޭނައަށް ވަނީ އަމާޒުވެފައެވެ. ލަޕޯޓޭގެ ވާހަކަ ހުރި ގޮތުން މެސީ ހުރީ ބާސެލޯނާގައި މަޑުކުރާ ގޮތަށެވެ. ނަމަވެސް އެކަން ނުވީ ލަލީގާގެ މާލީ އޮނިގަނޑު ރޭވިފައިވާ ގޮތުން މެސީގެ ބޮޑު މުސާރައިގެ ސަބަބުންނެވެ.

ކޮންމެގޮތެއް ވިޔަސް މެސީއަަށް އޮތް ލޯބި ފަނޑެއްނުވެއެެވެ. މެސީ މިހާރު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރިއިރު އެ ކުލަބުގެ ގިނަ ސަޕޯޓަރުންވެސް ތިބީ ފްރީ އޭޖެންޓުންގެ ގޮތުގައިކަމަށް ބެލެވެއެވެ. ލަޕޯޓޭ ބުނާގޮތަށް ވަކި ކުޅުންތެރިއަކަށް ވުރެ ކުލަބް ބޮޑުވާނެއެވެ. ހަމަ އެއާއެކު މެސީގެ ސަޕޯޓަރުންނަށް އެ ކުލަބަކަށްވުރެ ކުޅުންތެރިޔާ މުހިއްމެވެ. މެސީ ދާ ކުލަބެއް ނަމަ އެއީ މާލީގޮތުންވެސް އެ ޓީމަކަށް ބޮޑު ފައިދާގަނޑެއް ޖަހާލެވޭނެ ކަމަކަށްވާނެ އެވެ. ބާސެލޯނާ އެގޮތުގައި ހިފަހައްޓާލެވުނީ ވެސް މެސީގެ ސަބަބުންނެވެ. އޭނާ އެ ކުލަބު ދޫކޮށްލުމުން ޔަގީނުންވެސް މާލީ ގޮންޖެހުންތަކެއް އެ ކުލަބަށް ކުރިަމަތިވާނެ އެވެ. އޭގެ އިޝާރާތެއް ލަޕޯޓޭ ވަނީ އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުފައްކިރު

    ލިއުންތެރިޔާ މިއާޓިކަލްގަ ބަސްތައް އަމުނާ އަތުރާފައިވާ ގޮތް ވަރަށް ފުރިހަމަ. މެސީގެ ކުރިމަގަށް ވިސްނަމުން ދިޔަވަރަކަށް އާޓިކަލް ގެނެސްފައިވާ ފުރިހަމަ ކަމުން އިތުރަށް ޝައުޤުވެރި ކުރުވި. ކިޔާހިތުން ކިޔާ ލެވުނު. ދިވެހި ބަހަށް ދިރުން އައިސް ބަހުގެ ރީތިކަން ފުރިހަމަ ވުމުގައި ނޫސްވެރިންގެ ޒިންމާ އާއި މުހިއްމުކަން ހާދަ ބޮޑޭ ހިތާހިތުން ބުނެލެވުނު.

    11
    1
  2. ސޮއްޓި

    މަށަކައްނޭންގެ އެހެންމީހެއްގެ ގޮތެއް މަމީ މެސީގެ މީހެއް ބާސާއައްވުރެ މެސީ މާ މުހިންމު