އުމުރު ހޭދަކުރި ކުލަބް ދޫކޮށްލުން ވަރަށް ހިތްދަތި ކަމެއް ކަމަށާއި މިގޮތަށް ކުލަބް ދޫކޮށްލުމަކީ އެއް އިރެއްގައިވެސް ބޭނުންވި ގޮތް ނޫންކަމަށް ލިއޮނަލް މެސީ ބުނެފިއެވެ.

މެސީ މިހެން ބުނެފައިވަނީ އޭނާގެ ވަދާއި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. ޕްރެސް ފެށިއިރު މެސީ ހުރީ ގިސްލަ ގިސްލާ ރޯށެވެ. ކުރިމަތީގައި އޭނާގެ އަންހެނުންނާއި ތިން ދަރިން، އަދި ބާސެލޯނާގެ ކުޅުންތެރިންނާއި ކުލަބުގެ ރައީސް އިނެވެ.

ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ވާހަކަދައްކަމުން މެސީ ވަނީ މިހާ ކުއްލިގޮތަކަށް އޭނާގެ މުޅި ހަޔާތް ހޭދަކުރި ކުލަބް ދޫކޮށްދާން ޖެހުމަކީ ވަރަށް ދެރަވާ ކަމެއް ކަމަށާއި އަދިވެސް އުއްމީދުކުރަނީ މުސްތަގްބަލުގައި ކޮންމެވެސް އެއްގޮތަކަށް ބާސެލޯނާއަށް ހިދުމަތްތަކެއް ކޮށްދިނުމަށް ކަމަށެވެ.

"އަހަރެން މި ކުލަބުގައި މަޑުކުރަން ކުރެވެން އޮތްހާ ކަމެއް ކުރިން، އެކަން ކުލަބުގެ ރައީސަށްވެސް އެނގޭނެ، އެކަމަކު އެއްވެސް ގޮތެއް އަހަންނަށް ނުފެނުނު، ކުލަބާއި ވަކިވުން ނޫން އިތުރު ގޮތެއް އަހަންނަށް ނުފެނުނު" މެސީ ބުންޏެވެ.

މެސީ ބުނީ މިއީ އޭނާގެ ކެރިއަރުގައި ވެސް މިހާތަނަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި ހަޔާތުގެ އެއްބައި ދޫކޮށްލުމަކީ ހިތަށް ކުޅަދާނަކަމެއް ނޫންކަމަށެވެ/

"މި ކުލަބުގައި އަހަރެން ވަރަށ އުނދަގޫ، ބަލި، މޮޅު، ކާމިޔާބީތައް ފެނުނު، އެ ދުވަހަކުވެސް ހިތުން ފޮހެނުލެވޭނެ ކަންކަން، މިއީ އަހަރެން މި ކުލަބާއި ވަކިވާ ވަގުތު، ކުލަބުގެ އެންމެން މަތިން ވަރަށް ހަނދާންވާނެ" ޕްރެސް ނިންމާލަމުން މެސީ ބުންޏެެވެ.

މެސީ ބުނީ އޭނާ ކޮޕާ އެމެރިކާގައި ވާދަކުރުމުގެ ކުރިން އެއްބަސްވުމުގެ ހުރިހާ ކަމެއްވެސް ހުރީ ނިމިފައި ކަމަށާއި ނިންމައިގެން ހުރީ ބާސެލޯނާއާއެކު އިތުރު އަހަރުތަކެއް ކުޅެން ކަމަށެވެ. ނަމަވެސް މަންޒަރު ބަދަލުވީ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހު ކުރިމަތިވި ކަންކަމާޢި ގުޅިގެން ކަމަށާއި ލަލީގާގެ ގަވާއިދު އޮތްގޮތުން ކުލަބުގައި އިތުރަށް ނުހުރެވޭނެ ކަމަށެވެ. އަދި މަޑުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރި ކަމަށް މެސީ ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ދެން ގުޅޭނީ ފްރާންސްގެ ޕީއެސްޖީއާއެވެ. މި ޕްރެސް އަށްފަހު މާދަމާގެ ވަގުތެއްގައި މެސީގެ އާއިލާއާއި އެކު ފްރާންސްއަށް ދިރިއުޅުން ބަދަލުކުރުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މާދަމާ ޕީއެސްޖީއާއި އެކު މެޑިކަލް ފުރިހަމަކުރަން ނިންމާފައިވާ ކަމަށްވެސް ފްރާންސްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.