މި އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް އާޖެންޓީނާ އަށް އުނދަގޫތަކެއް ކުރިމަތިވި މުބާރާތެކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން އާޖެންޓީނާ މޮޅެއްނުވި އެވެ.
ގުރޫޕް ސީގެ ފަހު މެޗުގައި މިރޭ ނައިޖީރިއާއާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ އަށް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. މެޗުން މޮވެއްޖެ ނަަމަ، އާޖެންޓީނާ އަށް ދެވަނަ ބުރުގެ ފުރުސަތެއް އޮންނާނެ އެވެ. އެކަމަކު މިހާރު ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރެއް މިހާރު އާޖެންޓީނާ އަށް ނެތެވެ.
އެއީ އާޖެންޓީނާ މޮޅުވިޔަސް، މި ގުރޫޕްގައި މިރޭ އައިސްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން އައިސްލޭންޑް މޮޅުވެއްޖެ ނަމަ، އާޖެންޓީނާ މުބާރާތުން ކަޓާފާނެ އެވެ.
މި މެޗަށް ކުރިމަތިލާއިރު، ދެ މެޗުން މޮޅުވެ ކްރޮއޭޝިއާ އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ނައިޖީރިއާ އޮތްއިރު، އައިސްލެންޑާއި އާޖެންޓީނާ އޮތީ އެއް ޕޮއިންޓާއެކު އެވެ.
މި މެޗަށް ނުކުންނައިރު، އާޖެންޓީނާގެ ފޯމޭޝަނާއި ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭނެ އެވެ. ފާއިތުވި ދެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ވިލީ ކަބަލޭރޯގެ ބަދަލުގައި މިރޭ އެ ޓީމުގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ ރިވަޕްލޭޓް ފްރަންކޯ އަރްމާނީ އެވެ.
އާޖެންޓީނާ އަތުން މޮޅުވެއްޖެ ނަމަ، ނައިޖީރިއާ އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އެހެންކަމުން، ނައިޖީރިއާ އިން ވެސް މި މެޗަށް ނުކުންނަނީ "ފައިނަލެއް" ކަމަށް ދެކިގެނެވެ.
ނައިޖީރިއާ:
ވޯލްޑް ކަޕްގައި ނައިޖީރިއާ މިހާތަނަށް މޮލުވި ހަ މެޗުގައި ވެސް އެ ޓީމު ކުޅުނީ ޔޫރަޕްގެ ޤައުމުތަކާ ދެކޮޅަށް. ޔޫރަޕް ފިޔަވައި، އެހެން ސަރަހައްދަކަށް ނިސްބަތްވާ ޓީމެއް އަތުން ނައިޖީރިއާ ވޯލްޑް ކަޕެއްގައި އަދި މޮޅެއް ނުވޭ.
ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުން ނައިޖީރިއާ އެންމެ ފަހުން މޮޅުވީ 1998 ވަނަ އަހަރު.
އާޖެންޓީނާ:
ވޯލްޑް ކަޕެއްގައި މެޗަކުން މޮޅުނުވެ އާޖެންޓީނާ ކަޓާފައިވަނީ 1934 ވަނަ އަހަރު. އެކަމަކު އޭރު މުބާރާތް ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުން.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި މޮޅެއް ނުލިބި، އާޖެންޓީނާ މުބާރާތް ނިންމާލާފައެއް ނުވޭ.
އެނގޭތަ؟
ނައިޖީރިއާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވި ހަތަރު ފަހަރު ވެސް، ގުރޫޕް ސްޓޭޖުގައި އެ ޓީމާއެކު އެއް ގުރޫޕެއްގައި އާޖެންޓީނާ ވަނީ ވާކޮށްފަ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން ވެސް ނައިޖީރިއާ ވަނީ ބަލިވެފަ އެވެ.