އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕްރީލިމިނަރީ ސްކޮޑުން މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އަބްދުﷲ (ލިލީ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން ޔުނައިޓެޑް ވިިކްޓްރީ (ޔޫވީ) ގެ އަލީ ހައިޝަމް (ޗުމްޕު) ގެ ނަން އިތުރުކޮށްފިއެވެ.

މުބާރާތަށް ރާއްޖެއިން އެންމެ ފުރަތަމަ އެކުލަވާލި ޕްރީލިމިނަރީ ސްކޮޑުގައި ޖުމްލަ 31 ކުޅުންތެރިން ހިމެނެއެވެ. މި އިތުރުވި ހަތަރު ކުޅުންތެރިންނާއެކު ސްކޮޑު ވަނީ އަނެއްކާވެސް އިތުރުވެފައެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އަލީ ސުޒެއިން ބުނީ މިއީ ދިވެހި ޕްރިމިއަރ ލީގުގެ ކޯޗުންނާއި މަޝްވަރާތަކެއް ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެއެވެ. އަދި ކޯޗުން ދިން އެއްބާރުލުން ވެސް ސުޒެއިން ފާހަގަކުރިއެވެ.

ޗުމްޕު ވަނީ ނިމިދިޔަ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑުން ޗުމްޕު ނުހިމެނުމުން ގިނަބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މީގެކުރިން ސްކޮޑުން އިއްބެ ހިމެނުނު ނަމަވެސް އަމިއްލަ ސަބަބާއި ހުރެގެން ސްކޮޑުން ވަކިވިއެވެ.

ގައުމީ ޓީމުގައި ލިލީ އެންމެ ފަހުން ކުޅުނީ ޑެރެން ސްޓެވާޓް ހުރިއިރު އެވެ. އެންމެ ފަހުން އޭނާ ކުޅުނީ މާޒިޔާއާއެކު ނިމިދިޔަ އޭއެފްސީ ކަޕުގައެވެ. މާޒިޔާ ކުޅުނު ތިން މެޗުގައިވެސް އޭނާ ފުރަތަމަ އެގާރައިގައި ހިމެނުނެވެ.

ތަޖުރިބާކާރު ދިވެހި ކޯޗިން ޓީމަކާއެކު މިފަހަރުގެ ސާާފް ޗެމްޕިއަންޝިޕާއި ގައުމީ ޓީމު ކުރިމަތިލަނީ ކޯޗަކަށް އަލީ ސުޒެެއިން ހުރެގެންނެވެ. އެސިސްޓަންޓުންގެ ގޮތުގައި ކީޕަރު އިމްރާން އާއި އިސްމާއީލް މަހްފޫޒް (އިންމަ) ހަރަކާތްތެރިވާނެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް ރާއްޖެއިން ފެށިއިރު އަންނަ މަހު ޔޫއޭއީގައި ގައުމީ ޓީމުން ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ

އެފްއޭއެމުން އާންމުކުރި ސާފް ޗެމްޕިއަންޝިޕްގެ އާ ޝެޑިއުލްގައިވާ ގޮތުން ކޮންމެ ޓީމަކަށްވެސް ކުޅެންޖެހޭ ދެ މެޗުގެ ދެމެދު އެއް ދުވަސް އިތުރަށް ލިބިގެންދެއެވެ. ކުރިން އޮތްގޮތުން ބައެއް ޓީމުތަކަށް ރެސްޓުކުރާނެ އިތުރު ދުވަސްތަކެއް ލިބިގެންދެއެވެ. މީގެ ސަބަބުން ހަމަހަމަ ފުރުސަތު ކޮންމެ ޓީމަކަށް ނުލިބެއެވެ. މި ބަދަލާއި އެކު ކޮންމެ ޓީމަކަށްވެސް ލިބެނީ ހަމަހަމަ ފުރުސަތުތަކެކެވެ.

ޝެޑިއުލަށް ބަދަލު ގެނައި ނަމަވެސް ރާއްޖެ ކުޅެން ހަމަޖެހިފައި އޮތް ޓީމުތަކުގެ މެޗު ޝެޑިއުލަށް ބަދަލެއް ނާދެއެވެ. ކުރިންވެސް އޮތްގޮތަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅޭނީ އޮކްޓޯބަރު 1 ގައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. އެއީ ބައިވެރިވި ގައުމުތައް މަދުވުމުންނެވެ. ބޫޓާނާއި ޕާކިސްތާން ފިޔަވާ ދެން މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ނޭޕާލް، ސްރީލަންކާ، ރާއްޖެ އަދި ބަންގްލަދޭޝް އެވެ