މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު އެ ޓީމުން ވިދާލި ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗު ކަމަށް ބެލެވޭ ނިއުކާސަލް މެޗުގެ ޓިކެޓު ކަޅުބާޒާރުގައި ވިއްކަން ފަށައިފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މި މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެއީ ޕޯޗުގަލް ގައުމީ ޓީމާއެކު އިންޓަނޭޝަނަލް ބްރޭކުގައި ހުރި ކުޅުންތެރިޔާ އަވަސް އަވަހަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި ގުޅުމުގެ ސަބަބުންނެވެ.

މި ވާހަކައާއެކު އެންމެ ބޮޑު ފޯރިއެއް އެރީ ޔުނައިޓެޑުގެ ސަޕޯޓަރުންނެވެ. ހަތް ނަންބަރު ޖާރޒީގައި ރޮނާލްޑޯ ކުޅޭއިރު، މި މެޗުގެ ޓިކެޓު ގިނަ އަދަދެއްގެ ޔުނައިޓެޑުގެ ސަޕޯޓަރުން ގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ޓިކެޓުތަކުގެ އަގު ކަޅުބާޒާރުގައި އެންމެ މަތިކޮށް އުޅެނީ 2500 އާއި 2600 ޔޫރޯއާއި ދެމެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މި މެޗުގެ ޓިކެޓުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުންނެވެ.

މިކަން ފަޅާއެރުމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. މި ބަޔާނުގައި އެ ކުލަބުން ބުނެފައިވަނީ ކަޅު ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ ޓިކެޓު ބޮޑު އަގުގައި ވިއްކާކަން ހާމަވެފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އެދޭކަމަށެވެ. އަދި ޔުނައިޓެޑުގެ ސަޕޯޓަރުން މިފަދަ ކަންކަމުން ދުރުވެ ތިބުމަށްވެސް އެދިފައިވެއެވެ.

ޔުނައިޓެޑުގެ ބަޔާނުގައި ވަނީ މިއީ ކުލަބު ދެކެ ލޯބިވާ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން ކަމަށާއި މިހާރުން މިހާރަށް އެކަން ކުރާ މީހުން ހުއްޓާލުމަށް އެދޭކަމަށެވެ. ނުހުއްޓައިފިނަމަ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ވެސް މި ބަޔާނުގައިވެއެވެ.

ރޮނާލްޑޯ މިހާރު ފުރިހަމަކުރަމުން ދަނީ ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެކެވެ. އެއީ އިނގިރޭސިވިލާތަށް ގައުމުން ބޭރުން އަންނަ މީހެއްނަމަ ފުރިހަމަކުރަން ޖެހޭ ދުވަސްތަކެކެވެ. ފަސް ދުވަހަށްފަހު ރޮނާލްޑޯ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ އެވެ.