ސާފް ޗެމްޕިއަންޝިޕް ފަށަން ފަނަރަ ދުވަހަށް ވެފައިވަނިކޮށް ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް އެ ގައުމުގެ ބަޝުންދުރަ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ހަމަޖައްސައިފި އެވެ.

ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރީ އިނގިރޭސި ކޯޗު އުމުރުން 42 އަހަރުގެ ޖެމީ ޑޭ އެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އަދި އަހަރެއް އެބައޮތެވެ.

ނަމަވެސް އޭނާއާމެދު ހިތްހަމަނުޖެހޭތީ އެ މަގާމު މިފަހަރު ވަގުތީ ގޮތުން ހަވާލުކުރީ ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ސްޕެއިންއަށް އުފަން 44 އަހަރުގެ އޮސްކާ ބްރުޒޯން އަށެވެ.

ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުުނެފައިވަނީ ޖޭމީ ޑޭ އަދި މަގާމުން ވަކިނުކުރާ ކަމަށާއި، އޭގެ ބަދަލުގައި ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާއިން ޑޭ ވީއްލާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ 23 އަހަރުންދަށުން ޓީމާއި ސީނިއާ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާއި ޖޭމީ ޑޭ ހަވާލުވެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް މިހާތަނަށް ނުވަ މެޗެއް ކުޅެފައިވެއެވެ. މީގެތެރެއިން އެ ޓީމު މޮޅުވެފައިވަނީ ތިން މެޗުންނެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ބަންގްލަދޭޝް އެންމެ ފުރަތަމަ ވެސް ތަޖުރިބާކުރަަން ޖެހުނީ އެފަހަރު ބަންގާޅުގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެފަހަރު ބަންގާޅު ކެޓީ ގްރޫޕްސްޓޭޖުންނެވެ.

އޮސްކާ ބްރުޒޯން އަކީ ރާއްޖެއާއި އިންޑިއާގެ ފުޓުބޯޅަ ވަރަށް ރަނގަޅަށް އެނގޭ ކޯޗެކެވެ. އެ ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާއިން މި ނިންމުން ނިންމީ އެ ސަބަބާއި ހުރެކަމަށް ގަބޫލުކުރެވެއެވެ. އެއީ ދާދިފަހުން މާލޭގައި ބޭއްވި އޭއެފްސީ ކަޕުގައި ރާއްޖެއާއި އިންޑިއާގެ ޓީމުތަކާއި ދެކޮޅަށް ބަންގާޅުގެ ޓީމު ކުޅުނުއިރު ނެރުނު ނަތީޖާތަށް ރަނގަޅުވުން ވެސް ހިމެނެއެވެ. އަދި ގަލޮޅު ދަނޑުގެ ތަޖުރިބާ ހުރި ކޯޗަކަށް އޭނާ ވުމަކީވެސް މީގެ އެއް ސަބަބަށްވުން އެކަށީގެންެވެއެވެ.

އޮސްކާ ބްރުޒޯން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ހޭދަކުރި ކުރު މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް އެ ޓީމާއެކު ކާމިޔާބުކޮށްފައެވެ. އޭނާއަކީ އެފަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗެވެ .

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ.