އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ނޭޕާލް ހަވީރު ބައްދަލުކުރަން އޮތް މެޗު ރޭގަނޑަށް ފަސްކޮށް ހުޅުވުމުގެ ރަސްމިއްޔާތާއެކު ރޭގަނޑު މެޗު ކުޅެން ނިންމައިފިއެވެ.

މުބާރާތުގެ ޝެޑިއުލަށް ގެނައި މި ބަދަލާއެކު އެ ދުވަހުގެ ރޭގަނޑު ކުރިން ކުޅެން ހަމަޖެހިފައިވާ ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާ މެޗު ވަނީ އެ ދުވަހުގެ ހަވީރަށް ބަދަލުކޮށްފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ކުރިންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެފްއޭއެމުން މި ބަދަލު ގެނައީ ހޯސްޓުކުރާ ގައުމަކުން އާންމުކޮށް ރޭގަނޑު ފުރަތަމަ މެޗު ފަށާތީ ކަމަށާއި ރޭގަނޑު މެޗާއެކު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމީ އެ ސަބަބާއި ގުޅިގެންނެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން މުބާރާތުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. ފުރަތަމަ ޝެޑިއުލް ނެރުނު އިރު މުބާރާތް ކުރިޔަށްދާނީ 1 އިން 13 އަށެވެ. ނަމަވެސް ފީފާގެ މެޗް ޑޭ އަދި އެ އިދާރާގެ އުސޫލުތަކާއި ދިމާކުރުމުގެ ގޮތުން ޝެޑިއުލް ދިގުދަންމާލިއެވެ. އެއީ ކޮންމެ ޓީމަކަށްވެސް ރަނގަޅަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ރާއްޖެއިން ވަނީ މި މުބާރާތް މިހާތަނަށް ދެ ފަހަރު ކާމިޔާބުކޮށްފަައެވެ. އެއީ ލަންކާ އާއި ރާއްޖެ ގުޅިގެން 2008 ގައި ބޭއްވި މުބާރާތާއި ބަންގާޅުގައި 2018 ގައި ބޭއްވި މުބާރާތެވެ. މި ދެ ފަހަރުވެސް ރާއްޖެ ތަށި އުފުލާލީ އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއަކީ މުބާރާތުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. އެހެންކަމުން މުބާރާތުގެ ސްލޯގަން އަކަށް "ތިންވަނަ ފަހަރު، މީއެ ފަހަރު" ހަމަޖެއްސީ ތިންވަނަ ފަހަރަށް މި ތަށި ރާއްޖެއިން ހޯދުމުގެ އަޒުމުގައެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިޔަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ. ލީގު އުސޫލުން ފަސް ގައުމު މި މުބާރާތުގައި ވާދަކުރާއިރު މިއީ ރާއްޖެއިން އެކަނި މި މުބާރާތް ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ. މިފަހަރު މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ބޭނުންކުރާނެ މެސްކޮޓް އަކަށް ދީފައިވާ ނަމަކީ "ސްނެޕާ" އެވެ. އަދި ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިިޕްގެ ތީމަކަށް "މަގޭ މަހަލްދީބް" ހަމަޖައްސައި މުބާރާތުގެ ރަސްމީ ސްލޯގަން އަކަށް "ތިންވަނަ ފަހަރު، މީއެ ފަހަރު" ވެސް ވަނީ ހަމަޖައްސާފައެވެ. ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު ތިބީ ތަމްރީނު ކޭމްޕެއްގައި ގަތަރުގައެވެ.