މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީ ބަންގްލަދޭޝް ކަމަށާއި އެއް ވިސްނުމެއްގައި ކުޅޭނަމަ އެއްވެސް ޓީމަކަށް އެ ގައުމު ބަލިނުކުރެވޭނެ ކަމަށް ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

ކޯޗު މިހެން ބުނީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އާއި އިންޑިއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

މިއީ މި މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ސްރީލަންކާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ނަތީޖާއާއެކު ކޯޗު ވަނީ ތަށި ހޯދުމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

ލަނޑު ޖެހުމަށްފަހު ބަންގްލަދޭޝް ކުޅުންތެރިން އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ޓީމު މިއޮތީ ވަރަށް ރަނގަޅު ފޯމެއްގައި، ޓީމު ރޫހަށް ބަލާއިރު އަހަރެމެން ވަަރުގެ އެހެން ޓީމެއް ނެތް، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު މި އެއްވަރުކުރީ، ބަލާ މީހަކަށް އެނގޭނެ ޓީމުގެ ރޫހު ހުރި ވަރު، އަހަރެެމެން މި އައީ މޮޅުވާން، މި ނަތީޖާއާާއެކު ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ" ކޯޗު އޮސްކާ ބުންޏެވެ.

ދެ މެޗު މިހާތަނަށް ކުޅުނު ނަމަވެސް އޮސްކާ ފާހަގަކުރާ ގޮތުގައި ކުރިޔަށް އޭނާގެ ޓީމަށް އޮތީ އުނދަގޫ މެޗެކެވެ. ރާއްޖެއަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކޮށް އޮސްކާ ބުނީ ދިވެހިން މި މެޗާއި ކުރިމަތިލިއިރު ތިބީ ރެސްޓުގައި ކަމަށާއި އެހެންކަމުން މިއީ ދިވެހި ޓީމަށް އެޑްވާންޓޭޖަކަށް ވާނެ ކަމަށެވެ. މީގެއިތުރުން ކޯޗު ވަނީ ބަންގްލަދޭޝްގެ ފުޓުބޯޅަ އަލުން ދިރުން ލިބިގެން ހިނގައްޖެކަމަށް ބުނެފައެވެ.

އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ އިންޑިއާ އެވެ. މި ލަނޑު ޖެހީ ސުނިލް ޗެތްރީ އެވެ. ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މި މެޗުގެ 74 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ބަންގުލަދޭޝް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނު

    ލަންކާ ހައްޕުނޑު ޓީމެއް އަތުން އެއް ގޯލުން މޮޅުވެފައި އިންޑިޔާ އާއި އެއްވަރު ކުރެވުނީމަ ކޯޗް ހިތް އޮތް ހިސާބެއް ހޯދާވެސް ނުފެނެ. ތިގޮތައް ބޫޓާނުވެސް އިންޑިޔާ އާ އެއްވަރުކޮށް އެކްސްޓްރާ ޓައިމްއަށް ދިޔަ. މަމިބުނީ ރާއްޖެ ޓީމު މާ މޮޅެކޭ ނޫން އިނގޭ.

    7
    6
  2. Anonymous

    ރާއްޖެ ވެސް ބަލިކުރަން ވާނެ މިފަހަރު.

    7
    5
    • ޙަސަނާ

      މިފަހަރު ރާއްޖެ ދާނީ ފުލަށް.

      2
      2
  3. ރަދީފު

    ހަސަނު ކިޔާ ބޭފުޅާ ކުރި ކޮމެންޓާބެހޭ ގޮތުން އެއްޗެކޭ ބުނަންޏާ ބުނެވޭނީ ، ނޭޕާލް ހައްޕުނޑު ޓީމެއް އަތުން ހަމަ ރާއްޖެވެސް މޮޅުވަން ވީނު، ހަގީގަތަކީ މިފަހަރު ހުރިހާ ޓީމަކަށް ވުރެވެސް ރާއްޖެގެ ކުޅުން ދަށް. ބަންގުލަދޭސް ކޯޗަކީ މޮޅުކޯޗެއް، ކޮންފިޑެންސާ އެކު ބަސްބުނާ ކޯޗެއް، ހަޖަމް ކުރުމުގެ މައްސަލަ ހަގީގަތުގަ ވެސްދިވެހިންގެ ވަރައް ގިނަ މީހުންގެ ހުރޭ މިހާރު އެބަ..

    1
    1
    • ހަސަނު

      ނޭޕާލަކީ ހައްޕުނޑު ޓީމެއް ނޫން. އެމީހުން އެމީހުންގެ ލީގު ކިތަންމެ ދަށަސް ވަރަށް ޅައުމުރުގައި ކުޅުންތެރިން އެހެން ގައުމު ތަކަށް ފޮނުވައިގެން ބިނާކުރަން މަސައްކަތް ކުރާ ބައެއް އެއީ. ރަދީފް މެން ކަހަލަ މީހުން ހަޖަމޭ ކިޔާ އަނގަ ހުޅުވާނެތީ ރާއްޖޭގެ ކުޅުން ކަމު ނުދާ ވާހަކަ ބުނެފައި އެއޮތީ. ބުނަން މިއުޅެނީ ލަންކާ ކަހަލަ ޓީމެއް އަތުން އެންމެ ލަނޑެއް ޖެހިގެން މޮޅު ވުމަކީ އަދި ދުނިޔޭގެ އެންމެ މޮޅުޓީމަށް ވެގެން ފޮނި ކަނޑަންވީ ކަމެއްނޫނޭ. އަދި ތިމާ މެންނަކީ ދުނިޔޭގެ އެންމެ މޮޅު މީހުންނޭ ގޮވުމަކީ ކޮންފިޑެންސް ވުމެއްވެސް ނޫން. އަދި ރާއްޖެ ނޭޕާލު އަތުން ބަލި ވުމަކީ ބަނގުލަދޭޝް ކޯޗް ފެންވަރު އޮޅިގެން އުޅުމާ ރިލެވެންޓް ކަމެއްވެސް ނޫން. ބައެއް ދިވެހިންނަށް މާ ބޮޑަށް އެނގެނީ. ހަޖަމު ކަހަލަ ބަހެއް ބޭނުން ކޮއްލެވުނީމަ ދެން ވަރަށް މޮޅުވީ އެ.