އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާއި ދެކޮޅަށް އިންޑިއާ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ އިންޑިއާގެ ފީކަޅާ ކުޅުމުގެ ސަބަބުން ކަމަށް އެ ގައުމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމެކް ބުނެފިއެވެ.

ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ އިންޑިއާއިންނެވެ. ޗެތްރީ ލަނޑެއް ޖަހާ ލީޑުނެގި ނަމަވެސް ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރީ ދިހަ ކުޅުންތެރިންނާއެކު މެޗުގެ ދެވަނަ ހާފުގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިންޑިއާ ކޯޗު ވަނީ އެ ޓީމުގެ ކުޅުން މި މެޗުގައި ދަށްކަމަށް ބުނެފައެވެ. އަދި މޮޅުނުވެވުނީ ގިނަ ގޯސްތަކެއް ހެދުމުންކަމަށް ގަބޫލުކުރާ ކަަމަށާއި ބޭކާރު ބޯޅަތަކެއް ޕާސްނުކޮށް އިދިކޮޅު ކުޅުންތެރިންނަށް ދިނުމުން ކަމަށެވެ.

ބަންގްލަދޭޝް އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް އަބްދުﷲ އަބީދު

"އަހަރެމެންގެ ކުޅުންތެރިން އަމިއްލަ އަށް ޕްރެޝަރަށް ދާންޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނު، ވަރަށް ފަސޭހަ ބޯޅަތަކެއް އެބަހުރި ދޫކޮށްލާފަ، އެބަޖެހޭ މިކަންކަން ރަނގަޅުކުރަން" ކޯޗު ބުންޏެވެ.

ކޯޗު ވަނީ ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުންނާއި ޓީމުގެ ކޮންފިޑެންސް ލެވެލް ރަނގަޅުކަން ފާހަގަކޮށްފައެވެ. އަދި އެއް ކުޅުންތެރިއަކު މަދުން ކުޅުނު ޓީމަކަށް އެހެން ގޯލު ޖެހޭނީ ގޯސްތަކެއް ހެދުމުންކަމަށް ބުނޏެވެ.

"ވަރަށް ގިނަ ގޯސްތަކެއް އަހަރެމެން މި މެޗުގައި ހެދި، އެމީހުން (ބަންގްލަދޭޝް) ކައުންޓަރ އެޓޭކަށް ވަރަށް ފަސޭހައިން އަރާ، ސަޕޯޓުކުރަން ތިބި މީހުންގެ މަސައްކަތްވެސް ރަނގަޅު، ޓީމުގެ ކޮންފިޑެންސް ރަނގަޅުކޮށްލާ ސަޕޯޓަރުން، އެހެންވެ އެމީހުން އެހާ ކޮންފިޑެންސްގަ ކުޅުނީ، މި ފެނުނީ އެމީހުންގެ ކޮންފިޑެންސް އިން ނެރުނު ނަތީޖާ" ކޯޗު ބުންޏެވެ.

ކޯޗު ބުނީ މުޅި މެޗުގައިވެސް އިންޑިއާއިން ރަނގަޅަށް ކުޅުނީ 75 މިނެޓަށް ކަމަށެވެ. އަދި ބާކީ 15 މިނެޓުގެތެރޭގައި ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށާއި އެކަން އެގޮތަަށް ވީ ކީއްވެކަން ނޭނގޭ ކަމަށެވެ.

"މެޗުގައި އިންޑިއާ އިން 75 މިނިޓު ވަރަށް ރަނގަޅަށް ކުޅުނު. އަނެއް 15 މިނިޓުގައި ބޮޑެތި ގޯސްތަކެއް ހެދީ ކީއްވެ ކަމެއް ނޭނގެ."

އިންޑިއާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވިއިރު އެ ޓީމަކީ މި މުބާރާތުގެ ތާރީހުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް އެ ޓީމު ވަނީ މި މުބާރާތް ހަތް ފަަހަރު ކާމިޔާބުކޮށްފައެވެ.