ވޯލްޑް ކަޕުން ކަޓައި އަނބުރާ ގައުމަށް ދާން ޖެހުނުއިރު އާޖެންޓީނާގެ ފޯވާޑު ސާޖިއޯ އަގުއޭރޯގެ ޝުކުރުގެ މެސެޖުގައި ސަމްޕައޯލީ އަދި އަދި އޭނާގެ މެނޭޖްމެންޓް މުވައްޒަފުން ހިމަނާފައެއް ނުވެއެވެ.

އާޖެންޓީނާ މުބާރާތުން ކެޓީ ދެވަނަ ބުރުގައި ފްރާންސް އާއި ބައްދަލު ކުރި މެޗުގައި 3-4 ގެ ނަތީޖާ އަކުން ބަލިވުމަށް ފަހުގައެވެ. އޭގެ ކުރިން ގުރޫޕް ސްޓޭޖުގައި ވެސް އެންމެ އެދެވޭ ނަތީޖާ އެއް ނެރެވޭގޮތް ވަނީ ނުވެފައެވެ. ފުރަތަމަ މެޗުގައި އައިސް ލެންޑު އަތުން މޮޅެއް ނުލިބި ދެވަނަ މެޗުގައި ކްރޮއޭޝިޔާ އަތުން ވަނީ ބަލިވެފައެވެ.

ހަނިގޮތަކަށް ނައިޖީރިއާ އަތުން މޮޅުވެ އާޖެންޓީނާ ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗު ފެށި އިރު އާޖެންޓީނާގެ ކޯޗު ސަމްޕައޯލީ ވަނީ އަގުއޭރޯ ބެންޗުގައި ބަހައްޓާފައެވެ. ނަމަވެސް މެޗު ނިމެން ކައިރި ވެފައި ވަނިކޮށް އޭނާ ވަނީ ކުޅެން އަރައި ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

މެންޗެސްޓާރ ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއޭރޯ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ އާއިލާ އަދި ސަޕޯޓަރުންނަށް ޝުކުރު ކޮށް، މެސެޖެއް ޕޯސްޓު ކޮށްފައެވެ. އޭނާ އާޖެންޓީނާ އާއި އެކު ކުރިޔަށް އޮތް ތާގައި ކުޅޭނެ ކަމާއި މެދު ގިނަ ބަޔަކު ޝައްކު ކުރާ ނަމަވެސް އޭނާގެ ކުރިމަގާއި ބެހޭގޮތުން މެސެޖުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.

"މިއީ އަހަރެންގެ ދަރިފުޅު، އަހަރެންގެ އާއިލާ އަދި ކޮންމެ ދުވަހަކުވެސް އަހަންނަށް އެހިވެދޭ ރައްޓެހިންނަށް ޝުކުރު ކުރަންވީ ވަގުތު. ރަޝިޔާ އަށް އާޖެންޓީނާ އަށް ސަޕޯޓު ކުރަން ދިޔަ ސަޕޯޓަރުން އަދި އެހެން ގައުމު ތަކުގެ ސަޕޯޓަރުންނަށާއި އަހަރެންނާއި އެކު މަސައްކަތް ކުރާ ކުޅުންތެރިން ކޮންމެ މެޗެއްގައި ކުރި މަސައްކަތައް އަހަރެން ޝުކުރު ކުރަން." އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި އަގުއޭރޯ ބުންޏެވެ.

މީގެ އިތުރުން އަގުއޭރޯ ވަނީ ޓީމުގެ ޑޮކްޓަރު، ފިޒިއޯ އަދި ކައްކާ އަށް ޝުކުރު ކޮށްފައެވެ. ނިންމާލަމުން އޭނާ ބުނެފައި ވަނީ އެކީ އެކައްޗެއްގެ ގޮތުގައި އާޖެންޓީނާ އަށް ކާމިޔާބު ހޯދައިދޭން އަދިވެސް މަސައްކަތް ކުރަންވީ ކަމަށާއި އޭނާ އަބަދުވެސް އާޖެންޓީނާ ދެކެ ލޯބިވާ ކަމަށެވެ،