ދިވެހި ސަޕޯޓަރުން ކެތްތެރިކަމާއެކު ދިވެހި ގައުމީ ޓީމާ އެކު ތިބެން ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މިހާރު ކުރިއަށް ޕްރީ-މެޗު ޕްރެސް ކޮންފެރެންސްގައި ގައުމީ ޓީމުގެ ކޯޗު ސުޒެއިން ބުނީ ދިވެހި ގައުމުގައި ފުޓުބޯޅައަށް އޮންނަ ލޯތްބަށް ބަލާއިރު 5،000 ޓިކެޓަކީ މަދު އަދަދެއް ކަމަށެވެ.

"މި ދަނޑިވަޅުގައި ހުރިހާ ސަޕޯޓަރުން ވެސް ޓީމުގެ ފަހަތުގައި ތިބެން ދެން،" ސުޒެއިން ބުންޏެވެ.

ސުޒެއިން މިހެން ބުނެފައިވަނީ މިއަދު ހެނދުނު ލަންކާއާއި ރާއްޖެ ބައްދަލުކުރާ މެޗަށް ޓިކެޓު ވިއްކަން ކައުންޓަރު ހުޅުވައި، ގަޑިއިރެއް ނުވަނީސް ކައުންޓަރު ބަންދުކޮށްގެން އެ ތަނުގައި ތިބި ދިވެހިން ނުރުހުން ފާޅުކުރަން ފަށާފައިވަނިކޮށެވެ.

ކައުންޓަރުން އޭރު ބުނީ ޓިކެޓު ހުސްވީ ކަމުގައި ބުނެ އާންމުންގެ ގިނަ ބަޔަކު އެ ތަނުގައި ނުރުހުން ފާޅުކުރަމުން އެބަދެއެވެ. އަދި ޓިކެޓުތައް ވިއްކަން ފެށުމުން ނޫނީ އިޖްތިޖާޖް ހުއްޓާނުލާނެ ކަމަށް ބުނެ މިހާރު ދަނީ ލައުޑް ސްޕީކަރާއި ޝިއާރުތައް ލިޔެފައިވާ ކަރުދާސްތައް ވެސް ހިފައިގެން އިހްތިޖާޖް ކުރަމުންނެވެ.

ގަލޮޅު ދަނޑު ސަރަހައްދުގައި އެއްވެ ތިބި އާންމުންގެ ގިނަ ބަޔަކު ގެންދަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.

ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗު އޮތީ މާދަމާ ހަވީރު 4:00 ޖަހާއިރުއެވެ. މިއީ ރާއްޖެ މި މުބާރާތުގައި ކުޅޭ ތިންވަނަ މެޗު އަދި ލަންކާ މި މުބާރާތުގައި ކުޅޭ ހަތަރުވަނަ މެޗެވެ.

ރާއްޖެ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތިން މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ލަންކާ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

ތާވަލުގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ނޭޕާލްއެވެ. ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. ސަރަހައްދުގެ އެންމެ ބޮޑު ބާރު އިންޑިއާ އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގައެވެ.