ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ބްރެޒިލް އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރ ވިލިއަން ބުނެފިއެވެ.

މާދަމާ ކުޅޭ ކުއާޓާ ފައިނަލްގެ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިލިއަން ބުނީ ބެލްޖިއަމް އަކީ ވަރުގަދަ ޓީމެއް ކަމަށާއި ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން އީޑެން ހަޒާޑްއަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ ވިލިއަން އާއި ހަޒާޑަކީ ކުލަބު ލެވެލްގައި އެކުގައި އެތަކެއް ކާމިޔާބީއެއް ހޯދައިފައިވާ ދެކުޅުންތެރިންނެވެ.

ނަމަވެސް މިހާރު މިއީ ގައުމު ދިފާއުކޮށް އެންމެ އުހަށް ދިޔުމަށް މަސައްކަތް ކުރަން ޖެހިފައިވާ ވަގުތުކަމުގައި ވިލިއަން ވަނީ ބުނެފައެވެ.

"ހަޒާޑަކީ ގާތް އެކުވެރިއެއް. ނަމަވެސް މިހާރު މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ގައުމު ދިފާއު ކުރާނެ ވަގުތު. އެގޮތުން އަހަރެންވެސް އަހަރެންގެ ގައުމުކަމަށްވާ ބްރެޒިލް ދިފާއު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން" ވިލިއަން ބުނެފައިވެއެވެ.

އަދި ހަޒާޑަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެއްކުޅުންތެރިޔާ ކަމަށާއި ހަޒާޑް ހުއްޓުވަން އުނދަގޫވާނެ ކަމަށް ވިލިއަން ބުނެފައިވެއެވެ.

ބްރެޒިލްއާއި އެކު 2014 ގެ ވޯލްޑްކަޕް އަދި 2015 ގެ ކޮޕަ އެމެރެކާވެސް ކުޅެދީފައިވާ ވިލިއަން އަކީ މިއަހަރުގެ ވޯލްޑްކަޕްގައިވެސް ބްރެޒިލް އާއި އެކު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެވެ.

ވިލިއަންގެ ކުލަބު ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް 515 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 84 ގޯލު ކާމިޔާބުކޮށްފައެވެ. ވިލިއަން ވަނީ ބްރެޒިލްއަށް ކުޅެދިން 61 މެޗުގައި 8 ގޯލު ކާމިޔާބުކޮށްދީފައެވެ.