ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ތާރީހުގައި ދިވެހިރާއްޖެ އާއި ސްރީލަންކާ އަކީ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. ރާއްޖެއަށް ފުޓުބޯޅަ ތައާރަފްކޮށްދިން އެއް ގައުމަކީވެސް ސްރީލަންކާއެވެ. އޭރު ސްރީލަންކާއިން ރާއްޖެ ބޮޑު ތަފާތުން ބަލިކުރަމުން ދިޔަ ނަމަވެސް މިއަދު ރާއްޖެއިން ވަނީ ލަންކާގެ މައްޗަށް އަތްގަދަކޮށްފައެވެ.

ހަތަރު ގައުމު ވާދަކުރާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކު ބުނާ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. އެއީ މިހާތަނަށް ނެރެފައިވާ ނަތީޖާތަކާއި ރޭންކިންގައި މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ރާއްޖެ އެންމެ މަތީގައި އޮތުމުންނެވެ. މި މުބާރާތުގައި ވާދަކުރާ ހަތަރު ގައުމަކީ ރާއްޖެއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރަނީ ރާއްޖެއާއި ސީޝެލްސް އެވެ. މިމަހުގެ 8 އިން 19 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމުގެ ހެޑް ކޯޗަކީ ކުރިން އިންޓަމިލާނަށް ކުޅުނު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ އެވެ. ކޯޗު ފާހަގަކުރާ ގޮތުގައި މި މެޗާއި ކުރިމަތިލާއިރު ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައެވެ. އަދި ކުޅުންތެރިންވެސް ތިބީ ރަނގަޅު ފޯމެއްގައެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ލަންކާއިން ވަނީ އެ ޓީމުގެ ސްކޮޑު ވަރުގަދަކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އެ ގައުމުގެ ޒުވާން ޓީމުގެ ތިން ކުޅުންތެރިން ސީނިއާ ސްކޮޑުގައި ހިމެނުމުންނެވެ. މީގެތެރޭގައި އެ ގައުމުގެ 23 އަހަރުންދަށުގެ ކެޕްޓަން ސަސަންގަ ދިލްހަރާ ހިމެނެއެވެ.

ރާއްޖެ ލަންކާ - ހެޑް ޓު ހެޑް

ސްރީލަންކާއާއި ރާއްޖެ ބައްދަލުކުރާއިރު އެންމެފަހުން ރާއްޖޭގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމުގެ ތާރީހުގައި މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގެ މައްޗަށް ލަންކާއަށް ކުރި ހޯދިފައި ނެތުމެވެ. ލަންކާއިން އެންމެ ފަހުން ރާއްޖެ އަތުން މޮޅެއް ލިބިފައިވަނީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ.

އޭގެފަހުން ލަންކާއާއި ރާއްޖެ 11 ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު މީގެން އެއްވެސް މެޗަކުން ލަންކާއަށް ރާއްޖެ އަތުން މޮޅެއް ހޯދިފައެއް ނުވެއެވެ. ލަންކާއާއި ރާއްޖެ މިހާތަނަށް 20 ފަހަރު ވާދަކޮށްފައިވެއެވެ. މީގެތެރެއިން ރާއްޖެ ވަނީ 8 މެޗުން މޮޅުވެފައެވެ. 9 މެޗުން އެއްވަރުވި އިރު ލަންކާއަށް މޮޅުވެވުނީ 3 މެޗުންނެވެ.

ރާއްޖެއާއި ލަންކާގެ ތާރީހީ ކުރިމަތިލުންތައް

އޮކްޓޯބަރު 13 1984 - ސްރީލަންކާ 5 - ދިވެހިރާއްޖެ- 2 (އެކުވެރިކަމުގެ މެޗު)

ސެޕްޓެމްބަރު 2 2013 - ސްރީލަންކާ 0 - ދިވެހިރާއްޖެ 10 (ސާފް ޗެމްޕިއަންޝިޕް)

ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11

ދިވެހިރާއްޖެ

އަލީ އަޝްފާގު (ދަގަނޑޭ)، އިބްރާހިމް މަހުދީ ހުސެއިން، އައިސަމް އިބްރާހިމް، ހުސެއިން ނިހާން، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އަކްރަމް އަބްދުލްޢަނީ، ހުސެއިން ސިފާއު، ހައިޝަމް ހަސަން، ސަމޫހް އަލީ، ނާޖިހު އަލީ

ސްރީލަންކާ

ކަވިޝް ފެނާންޑޯ، މުހައްމަދު ޝިފާން، ޑިލިއަން ޑި ސިލްވާ، މާވިން ހެމިލްޓަން، ކަވިންދު އިޝާން، ޑަކްސަން ޕަސްލަސް، ސަސަންގަ ދިލްހާރާ، ޗަރިތާ ރަތްނަޔަކެ، ސުޖަން ޕެރޭރާ، ހަރްޝާ ފެނާންޑޯ، ޗަމޯދް ދިލްޝާން

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    ފައިސަލް ނުލާތަ ކުޅެނީ؟

    6
    3
  2. ސަލާމް

    މާމޮޅު ފުޓުބޯޅަކުޅޭބަޔަކަށްވެގެން ދުނިޔޭގެ ތަންތަނަށްގޮސް އަގުވެއްޓެނީ ރިވެތިގޮތަކަށް ބަލިވާނެ ހެ

    4
    13
  3. ޚަލީލު

    ފުރަތަމަވެސް ފޮނި ކަނޑަން ފަށާ. އޭރުން ހުންނާނީ މޮޅުވެފައި.

    10
    5