މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްްދަލުކުރާ މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހަވީރަށް ތާވަލުކޮށްފިއެވެ.

މި މެޗު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. ނަމަވެސް ލަންކާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މި މެޗު ވަނީ މާދަމާއަށް ފަސްކޮށްފައެވެ.

ލަންކާ ގަޑިން މި މެޗު ކުޅުމަށް ހަމަޖެއްސި ގަޑިއަކީ 15:30 އެވެ. މި މެޗުގެ ކުރިން މުބާާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް އެފްއޭއެމުން މިކަން އަންގާފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސީޝެލްސް އާއި ބަންގްލަދޭޝް ކުޅޭ މެޗުވެސް ހަމަ މި ސަބަބާއި ގުޅިގެން މާދަމާއަށް ފަސްކޮށްފައެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މެޗު މިހާރު ކުޅެން ތައްޔާރުވަނީ މާދަމާ ރެއަށެވެ. ރާއްޖެއާއި ލަންކާ ބައްދަލުކުރާ މުބާރާތުގެ ފުރަތަމަ މެޗު ފަސްކުރިއިރު މި މެޗު އެންމެ ފުރަތަމަ މިރޭ ކުޅުމަށް ހަމަޖައްސާފައިވަނީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ މިއަދު ލަންކާއަށް ވަޑައިގެންފައެވެ. އަރިހުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި ފަސްޓްލޭޑީ ވެސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާއަށް މިވަގުތު ވަރަށް މޫސުން ގޯހެވެ. އެ ގައުމުގެ ބައެއް ބައިބޯ ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ވިޔަފާރިތައް ބަންދުކޮށްފައެވެ.

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގެ ނަމުގައި ކުޅޭ މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރެއެވެ. އެއީ ރާއްޖެއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 30،000 ޑޮލަރު ވަނީ ހުށައަޅާފައެވެ. ރާއްޖެއިން މި މުބާރާތާއި ކުރިމަތިލިއިރު ޓީމުގެ ކޯޗަކަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ހަމަޖައްސާފައެެވެ. ލަންކާ މެޗަކީ ރާއްޖޭގެ ކޯޗުކަމާއި މީގެ ދެ ހަފުތާކުރިން ހަވާލުވެ ކުޅޭ ފުރަތަމަ ބައިނަލްއަޤްވާމީ މެޗެވެ.