ގައުމީ ފުޓުބޯޅަ ޓީމުގައި ހުނަރުވެރި ވަކިވަކި ކުުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މަސައްކަތްކުރާނީ ވަކި ކުޅުންތެރިއަކަށް ބަރޯސާނުވެ ޓީމެއްގެ ގޮތުގައި ކުޅުމަށް ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މޮރިއޭރޯ މިހެން ބުނީ މިއަދު ހަވީރު މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ސްރީލަންކާއާއި ދެކޮޅަށް ކުޅޭ މެޗުގެކުރިން ވާހަކަދައްކަމުންނެވެ. ކޯޗު ވަނީ ދިވެހި ކުޅުންތެރިން މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަން ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ މެޗު ކުޅެން އޮތީ 8 ނޮވެމްބަރުގެ ރޭގަނޑު އެވެ. ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މި މެޗު ކުޅުމަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މެޗު ރީ ޝެޑިއުލްކުރީ މިއަދު ހަވީރަށެވެ. އެހެންކަމުން ރާއްޖެ ލަންކާ މެޗު ކުޅޭނީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

މެޗުގެކުރިން ވާހަކަދައްކަމުން ކުރިން އިންޓަމިލާނަށް ވެސް ކޯޗުކަންކޮށްދިން މޮރިއޭރޯ ބުނީ ރާއްޖޭގައި ޓީމުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން ހުރީ ހަމައެކަނި ދަގަނޑޭއެއް ނޫން ކަމަށާއި ޓީމުގައި ތިބި އެހެން ބައެއް ކުޅުންތެރިންނަކީ ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.

ލަންކާގެ ނޫސްވެރިން އެންމެ ބޮޑަށް ސުވާލު އަމާޒުކުރީ މި މެޗުގައި ދަގަނޑޭ ފެނިދާނެތޯ އެވެ. ނަމަވެސް ސީދާ ޖަވާބެއް ނުދީ ކޯޗު ބުނީ ލަނޑު ޖަހަން ދަގަނޑޭ ހުރީ ވަރަށް ކޮންފިޑެންސާ އެކު ކަމަށް ބުނެފަ އެވެ. އަދި މި މެޗުގައި ދަގަނޑޭ ބޭނުންކުރާނެ ކަމުގެ އިޝާރާތެއްވެސް ދިނެވެ.

މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރެއެވެ. އެއީ ސްރީލަންކާ އާއި ދިވެހިރާއްޖޭގެ އިތުރުން ސީޝެލްސް އާއި ބަންގްލަދޭޝް އެވެ. މި ހަތަރު ގައުމުގެ ތެރެއިން ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.