މިއަދު ހަވީރު ފަށާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ސްރީލަންކާއާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ރާއްޖޭގެ ކީޕަރަކަށް ޒުވާން ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރު ނާޖިހު އަލީ ހަމަޖެހިއްޖެ އެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ދެން ހިމެނެނީ ދާދިފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ.

އުމުރުން 21 އަހަރުގެ ނާޖިހު އަށް ސީނިއާ ޓީމުގެ ގޯލުކީޕަރުކަން ލިބުނީ އެ މަގާމުގައި ކުރިން ހުރި ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލް އަށް އަނިިޔާވުމާއި ގުޅިގެންނެވެ. މިއީ ސީނިއާ ޓީމުގައި ހިމެނިގެން ބޮޑު މެޗެއްގައި ނާޖިހު ކުޅޭ ފުރަތަމަ ފަހަރެވެ.

ރާއްޖެ- ލަންކާ މެޗުގެ ފުރަތަމަ އެގާރަ

  • ސަމޫހް އަލީ
  • ހުސެއިން ސިފާއު ޔޫސުފް
  • މުހައްމަދު އުމެއިރު
  • އަލީ އަޝްފާގު
  • އިބްރާހިމް އައިސަމް
  • އަލީ ފާސިރު
  • އަކްރަމް އަބްދުލްޢަނީ (ކެޕްޓަން)
  • ހައިޝަމް ހަސަން
  • އިބްރާހިމް މަހުދީ ހުސެއިން
  • އަލީ ނާޖިހު (ކީޕަރު)
  • ހުސެއިން ނިހާނު

މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއްް ދެއްކި ނާޖިހު އަށް ފުރަތަމަ ޑިވިޝަނުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިންނެވެ. އެފަހަރު އެ ޓީމުގެ ބިދޭސީ ކީޕަރު ރުސްލާންގެ ބަދަލުގައި ކީޕަރު ނާޖިހުއަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނީ އެ ޓީމުގެ ކޯޗުކަމުގައި ހުރި އިހުސާން އަބްދުލްޢަނީ (ސާންތި) އެވެ.

ގައުމީ ސީނިއާ ޓީމާާއެކު ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ ސްކޮޑުގައި ވެސް ނާޖީ ހިމެނުނެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި ވެސް ނާޖިހު ހިމެނުނެވެ.

ނާޖިހު އެންމެ ބޮޑަށް ފާހަގަވީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމާއެކު ކޮލިފައިންގެ މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމުންނެވެ. އޭރު ޓީމާއެކު ދިޔަ ކީޕަރު އިމްރާން މުހައްމަދު ވެސް ވަނީ ނާޖިހު ގެ މޮޅު ވާހަކަ ފާހަގަކޮށްފައެވެ. އަދި އެއީ އުއްމީދީ ކީޕަރެއްކަން ވެސް ފާހަގަކޮށްފައެވެ.

އޭނާ ވަނީ ރާއްޖެއާއި އިރާގު ކުޅުނު މެޗުގައި މޮޅު ސޭވްތަކެއްކޮށްފައެވެ. އަދި ދެވަނަ މެޗުގައި ބަހްރޭނުން ފޮނުވާލި ޕެނަލްޓީއެއް ވެސް އޭނާ ވަނީ މަތަކޮށްފައެވެ.