މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި މިހާރު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅެމުންދާ މެޗްގައި ފުރަތަަމަ ދެ ލަނޑު ރާއްޖެ އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު ފަށައިގެން ދިވެހި ޓީމުން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އެވެ. މިއީ އަލީ އަޝްފާގު (ދަގަނޑޭ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ޖެހި ލަނޑެކެވެ.

މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ސިފާއު ދިން ރީތި ބޯޅައަކުންނެވެ.

ރާއްޖެއިން މި މެޗުގައި ދަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ. އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅެމުންދަނީ ވެސް ރާއްޖެއިންނެވެ. މި ލަނޑުގެ އިތުރުންވެސް ރާއްޖެއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. ހާއްސަކޮށް މުހައްމަދު އުމެއިރު ގެ ބައިސިކަލް ކިކް ފާހަގަކޮށްލެވެއެވެ.

މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސްރީލަންކާ އާއި ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.