މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ސްރީލަންކާ ކޮޅަށް ރާއްޖެއިން ތިންވަނަ ލަނޑެއް ޖަހައިފިއެވެ.

މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އޭނާ މި ލަނޑު ޖެހީ ލަންކާގެ ޑިފެންޑަރު ޑަކްސަން ކައިރިން ރީތިކޮޅަށް ކަޓުވާލުމަށްފަހު އެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ވެސް ފޭދޫ އިއްބެއަށް ރާއްޖޭގެ ޓީމަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. ނަމަވެސް ލަންކާއާއި ދެކޮޅަށް ކުޅުނު މި މެޗުގައި އޭނާ ލަނޑު ޖަހާފައިވަނީ އިތުބާރާއެކު އެވެ.

މި މެޗު ނިމިގެންދިޔައީ 4-4 އިން އެއްވަރުވެގެންނެވެ. ލަންކާއިން ރާއްޖެއާއި އެއްވަރުކޮށްފައިވަނީ ރާއްޖެ ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ކާމިިޔާބުކޮށްގެންނެވެ.

މިއީ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފުގައި ލަންކާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް ދިވެހި ޓީމަށް ބާޑުބޮޑުކޮށްފައެވެ.

މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރެއެވެ. އެއީ ލަންކާއާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ލިބެއެވެ.