މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވި 9 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހުސައިން ފަޔާޒާއި ދީނާ އަހުމަދު ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒާއި ދީނާ ހޯދީ ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ފަޔާޒް ނުކުތީ މުހައްމަދު ޝަރީފްއާ ދެކޮޅަށެވެ.

އެ މެޗުން ފަޔާޒް މޮޅުވީ 9-2 ފްރޭމުންނެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލުގައި ދީނާ މޮޅުވީ އާމިނަތު ފާތީއާ ވާދަކޮށް 7-5 ފްރޭމުންނެވެ. އެ މުބާރާތުގެ ފައިނަލް މެޗުތަކަށް ފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ މުއައްސިސް މުހައިމިން ހުސައިނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފަޔާޒާއި ރަނަރަޕް ޝަރީފާއި ހަސަން ޝާޒް މުހައްމަދާއި އިސްމާއިލް ޖީހާނާއި މުހައްމަދު ސާހިލް ހަމީދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ދީނާ އާއި ރަނަރަޕް ފާތީ އާއި އާމިނަތު ހަލީމު އަދި އާއިޝަތު އަލީއެވެ. އަދި އެންމެ ގިނަ ބްރޭކްއައުޓް އަދި ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި ފަޔާޒެވެ.

އެމްޕީބީއޭގެ 9 ބޯލް ޗެމްޕިއަންޝިޕް ކުރިއަށްގެންދިޔައީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން ވާދަކުރި އިރު، އަންހެން ޑިވިޝަންގައި ވާދަކުރީ ދިހަ ކުޅުންތެރިންނެވެ.

އެމްޕީބީއޭގެ ތާވަލުގައި ދެން ކުރިއަށް އޮތީ ގައުމީ ބިލިއާޑް މުބާރާތެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތަކީ މިއަހަރުގެ އެންމެ ފަހު ބިލިއާޑް މުބާރާތެވެ.