މީގެ 20 އަހަރު ކުރިން ފްރާންސްގައި ބޭއްވުނު ވޯލްޑް ކަޕުގައި ކްރޮއޭޝިޔާ އަށް ލިބުނު ކާމިޔާބީ އަށް ވުރެ ބޮޑު ކުރިއެރުމެއް މިފަހަރު ލިބޭނެ ކަމަށް ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޯޑްރިޗު އުންމީދު ކުރެއެވެ.

20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކްރޮއޭޝިޔާ ވޯލްޑް ކަޕު ސެމީ ފައިނަލުގައި ކުޅޭ އިރު މިހާ ހިސާބަށް ކްރޮއޭޝިޔާ ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ރަޝިޔާ އާއި ދެކޮޅަށް ޕެނަލްޓީ ޖަހައި މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވަރުވެ، އިތުރު ވަގުތު ކުޅެެގެންވެސް 2-2 ގެ ނަތީޖާ އަކުން މެޗު ނިމުނު އިރު ކްރޮއޭޝިޔާ މޮޅުވީ އިވާން ރަކިޓިޗް ޖެހި ޕެނަލްޓީގެ ސަބަބުންނެވެ.

1998 ގެ ވޯލްޑް ކަޕުގައި ކްރޮއޭޝިޔާ އަށް ލިބުނީ މުބާރާތުގެ ތިންވަނައެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕު ސެމީ ފައިނަލުގައި އިންގްލޭންޑާއި ދެކޮޅަށް ނިކުންނަނީ ތާރީހު ބަދަލު ކޮށް ފައިނަލާއި ހަމަ އަށް ދަތުރު ކުރަން ކަމަށް ލޫކާ މޮޑްރިޗު ބުންޏެވެ.

"އަހަރެމެން ވަރަށް ފަހުރުވެރި ވޭ 20 އަހަރު ފަހުން ވޯލްޑް ކަޕު ސެމީ ފައިނަލާއި ހަމަ އަށް ދަތުރު ކުރެވުނީތީ، އުނދަގޫ މަގަކުން މިހާހިސާބަށް އައީ މޮޅު ޓީމަކާއި ރަނގަޅު ކޯޗިން މުވައްޒަފުން އަދި ސަޕޯޓަރުންނާއި އެކީ، މިފަހަރު އުއްމީދަކީ 1998 ގައި ލިބުނު ކާމިޔާބީއަށް ވުރެ އިތުރު ހަރުފަތެއް މަތިން ކާމިޔާބު ކުރަން" މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު މޮޑްރިޗް ބުންޏެވެ.

މީގެ އިތުރުން މޮޑްރިޗް ބެލޮންޑިއޯ އަށް ވާދަކުރެވޭނެތޯ އަހާލުމުން އޭނާގެ ޖަވާބަކަށްވީ، ބެލޮންޑިއޯރ އާއި މެދު ނުވިސްނާ ކަމަށާއި އޭނާގެ ވިސްނުމަކީ ޓީމާއި އެކު ކާމިޔާބީ ހޯދުން ކަމަށެވެ. އަދި ކްރޮއޭޝިޔާ ޓީމަށް މިހާރަށް ވުރެ މޮޅަށް ކުޅެވޭނެ ކަމަށެވެ. "އަމިއްލަ ކާމިޔާބީ އަށް ވުރެ ބޮޑަށް އަހަންނަށް މުހިންމީ ގައުމަށް ލިބޭ ކާމިޔާބީ، ރަން މެޑަލް ގައުމަށް ގެންދިޔުމަކީ އަހަރެންގެ އުއްމީދު" އޭނާ ބުންޏެވެ.

އިންގްލޭންޑާއި ދެކޮޅަށް ސެމީ ފައިނަލުގައި ކްރޮއޭޝިޔާ ނިކުންނާނީ މިހަފްތާގެ ބުދަ ދުވަހުގެ ރޭގައެވެ.