ސްޕެނިޝް ލީގުގައި ދިހަ ކުޅުންތެރިންނާއެކު މެޗުގެ ދެވަނަ ހާފުގެ ބޮޑުބައި ކުޅުނު ސެވިއްޔާ އަތުން ބާސެލޯނާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ސެވިއްޔާގެ ދަނޑުގައި މި މެޗު ކުޅުނުއިރު މި މެޗުގައި ލަނޑުތައް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އެއީ ކުޅުނު 18 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެވެ. ބާސެލޯނާާ އާއި އެއްވަރުކުރި ސެވިއްޔާ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 38 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް ރެއާލް އާއި ބާސެލޯނާ އާއި ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މެޗު ދެ ޓީމުންވެސް ފެށީ ދާދި ހަމަހަމަކޮށެވެ. މި މެޗުގެ ފަށައިގެން ވަރަށް ކުރީކޮޅު ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވަނީ ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުން ރީނދޫ ކާޑު ދައްކާފައެވެ.

ސެވިއްޔާއިން މި މެޗުގައި ލީޑު ނެގިއިރު މި ލަނޑަކީ އަލެހަންދްރޯ ގޯމޭޒް މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ އެންމެ ފަހުކޮޅު ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮނަލްޑް އަރައުޖޯ އެވެ.

ބާސެލޯނާއިން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ހަމަލާތައް ނުރައްކާކުރަން މަސައްކަތްކުރި އިރު ސެވިއްޔާއަށް މައްސަލަ ކުރިމަތިވީ މެޗުގެ 64 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭއަށް ރަތްކާޑު ދެއްކުމުންނެވެ. އޭގެފަހުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސެވިއްޔާ ކޮޅަށް ބާސެލޯނާއިން ގިނަ ހަމަލާތަކެއް އަމާޒުކުރި އެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ނުވެއްދުނެވެ.