ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ކުލަބް އީގަލްސް ކުޅުނު މެޗާއެކު މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މާޒިޔާ މޮޅުވެފައިވަނީ ދަ ގްރާާންޑޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ. އަދި އީގަލްސް މޮޅުވީ ޔުނައިޓެޑު ވިކްޓްރީއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައިގައި އޮތީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު އެވެ. ޕްރެޒިޑެންޓްސް ކަޕުގައި މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. އަނެއްކޮޅުން މިއީ އީގަލްސްގެ ފުރަތަމަ މޮޅެވެ. އެ ޓީމު ފުރަތަމަ ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

ޕްރެޒިޑެންޓްސް ކަޕް 2021/2022 - މާޒިޔާ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

މާޒިޔާ މޮޅުވި މެޗުގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ފުރަަތަމަ ލަނޑު ޖެހީ ނުވަ ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭނުން ކޮނޭލިއަސް ސްޓެވާޓްގެ ޖެހި ކީޕަރުގެ އަތުގައި ޖެހިފައި ވަން ލަނޑެކެވެ.

ޕްރެޒިޑެންޓްސް ކަޕް 2021/2022 - މާޒިޔާ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

،މާޒިޔާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 64 ވަނަ މިނެޓުގައެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ލަނޑެކެވެ. މި ލަނޑުޖެހިތާ މިިނެޓެއްފަހުން ގާތްގާތުގައި ބޮޑު ދެ ބަދަލެއް މާޒިޔާއިން ގެނައެވެ. ސްޓެވާޓްގެ ބަދަލުގައި އިބްރާހިމް ވަހީދު ކުޅެން އެރިއިރު އަސަދުﷲ ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އެރިއެވެ.

މި ކުޅުންތެރިން އެރިތާ މާ ގިނައިރުތަކެއް ނުވެ ގްރާންޑޭގެ ޑިފެންޑަރު އިވަނޮވިޗް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި ލަނޑު ކާމިޔާބުވިތާ ހަތަރު މިނެޓުފަހުން ދަ ގްރާންޑޭއަށް ސުން ކަނޑުވާލަދިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ލަޔާން އަހުމަދެވެ.

ޕްރެޒިޑެންޓްސް ކަޕް 2021/2022 - މާޒިޔާ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާޒިޔާގެ ހަތަރުވަނަ ލަނޑު އިބްރާހިމް ވަހީދު ހަސަން ކާމިޔާބުކުރި އިރު އޭގެ ދެ މިނެޓުފަހުން ފަސްވަނަ ލަނޑު ކާމިޔާބުކުރީ މުހައްމަދު އުމެއިރެވެ. އަދި ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ކުލަބް އީގަލްސް އާއި ޔުނައިޓެޑު ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އީގަލްސް ހޯދި މޮޅާއެކު އެ ޓީމު ވަނީ ލީގު ބުރުގެ ހަވަނަ މަގާމަށް ޖެހިލާފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ.

މި މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 18 ވަނަ މިނެޓުގެ ތެރޭގައެވެ. މިއީ އަހުމަދު ހަސަން (އައްމަޑޭ) ޔޫވީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކައިރިން ކަޓުވާލުމަށްފަހު ކާމިޔާބުކުރި ލަނޑެކެވެ.

ކުލަބް އީގަލްސް އާއި ޔުނައިޓެޑު ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފުގައި އީގަލްސް ލީޑުގައި އޮވެ ނިމުނު ނަމަވެސް ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި އަހުމަދު ބައްސާމު މުހައްމަދު ނައީމު ވަނީ ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އީގަލްސްގެ ދެވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަޒުވާން އަންދުލް އަޒީޒެވެ.

ލިބުނު ޕެނަލްޓީއަކުން މެޗުގެ 80 ވަނަ މިނެޓުގައި މުހައްމަދު އާރިފް (ބަކާ) ވަނީ ޔޫވީއަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން އީގަލްސް މޮޅުވި ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.