ސްޕެނިޝް ކަޕުގައި އެ ގައުމުގެ ފުޓުބޯޅައިގެ އެންމެ ގަދަ ދެ ޓީމުުކަމަށްވާ ރެއާލް މެޑްރިޑް އާއި ބާސެލޯނާ ތިންވަނަ ޑިވިޝަނުގެ ޓީމުތަކެއް ބަލިކޮށްފިއެވެ.

ބާސެލޯނާ މޮޅުވީ ތިންވަނަ ޑިވިޝަނުގެ ލިނާރެސް އާއި ވާދަކޮށް ފަހަތުން އަރާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އަަދި ރެއާާލް މެޑްރިޑް މޮޅުވީ އަލްކޮޔާނޯ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ހޯދި މި މޮޅާއެކު އެ ދެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނިފައެވެ.

ބާސާ މޮޅުވި މެޗުގައި ދާދިފަހުން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާއި ގުޅުނު ތަޖުރިބާކާރު ތަރި އުމުރުން 38 އަހަރުގެ ޑެނީ އަލްވޭސް ވަނީ ކުޅެފައެވެ. ފަސް އަހަރަށްފަހު އޭނާ އަނެއްކާވެސް ބާސެލޯނާއަށް މެޗެއް ކުޅެދިންއިރު މި މެޗުގައި އޭނާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މެޗުގައި ބާސާ ސިއްސުވާލުމަށްފަހު މެޗުގެ 19 ވަނަ މިނެޓުގައި ލިނާރެސްގެ ޑިއާޒް ސަންޗޭޒް ބޮލުން ޖެހި ބޯޅައިން ލީޑުނެގިއެވެ. ފުރަތަމަ ހާފު އެ ޓީމު ލީޑުގައި އޮވެ ނިމުނުއިރު ބާސާއިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހައިގެންނެވެ.

ބާސާއަށް އެއްވަރުކޮށްދިން ލަނޑު ކާމިިޔާބުކުރީ އުސްމާން ޑެމްބެލޭ އެވެ. އޭނާ މި ލަނޑު ޖެހީ 63 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައިންނެވެ.

ރެއާލް އާއި އަލްކޮޔާނޯ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ 63 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ އެވެ. އޭރިއާބޭރުން ޑެމްބެލޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ބާސާ މޮޅުވި ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުއްމީދީ ކުޅުންތެރިޔާ ޖުޓްލާ އެވެ. މީގެއިތުރުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު އެ ޓީމަށް ލިބުނެވެ.

އަލްކޮޔާނޯ އަތުން ރެއާލް މޮޅުވި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލް މެޑްރިޑެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެޑާ މިލިޓާއޯ އެވެ. އޭނާ މި ލަނޑު ޖެހީ ރޮޑްރީގޯ ނެގި ކޯނަރަކުންނެވެ.

އަލްކޮޔާނީ އެއްވަރުކުރީ ދެވަނަ ހާފުގައެވެ. ރެއާލުން ދެވަނަ ފަހަރަށް ލީޑުނެގީ 76 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ކާމިޔާބުކުރި ލަނޑުންނެވެ. އަދި އެ ޓީމުގެ ފަހު ގޯލަކީ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.