މިދިޔަ އަހަރުގެ ކާމިޔާބީއަށްފަހު މިއަހަރު ބާއްވާ "މަޅި ފުޓްސަލް ޗެލެންޖް 2022" މިމަހުގެ 25 ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ޖާރޒީ ތައްޔާރުކޮށްދިނުމުގައި މަޝްހޫރު މަޅި އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ މުބާރާތެވެ.

މަޅި ފުޓްސަލް ޗެލެންޖް 2021 ގެ ރަނަރަޕް؛- ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވުނު މަސްއޮޑި ޓައިޓަންސް އެވެ. ޖުމްލަ 32 ޓީމު ބައިވެރިވި މުބާރާތުގެ ޗެމްޕިއަންކަން ޓައިޓަންސް ހޯދީ މުބާރާތުގެ އެއް ފެވަރިޓު ކަމަށްވާ ވަރުގަދަ މަސްއޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން މަޅި މޯލްޑިވްސްގެ ސީއީއޯ ނަސްރު ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 32 ޓީމަށް ހުޅުވާލިއިރު ޖާގަތައް މިހާރު ވަނީ ފުރިފައެވެ.

މަޅި ފުޓްސަލް ޗެލެންޖް 2021 ގެ ފައިނަލް މެޗް؛- ވަގުތު އިމެޖަސް- މުހައްމަދު އަފްޒަލް

މި މުބާރާތުގައި މާލޭ ސަރަހައްދުން ބޮޑު ތަރުހީބެއް ލިބިގެންދާއިރު މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔަ އެވެ. މިއަހަރުގެ މުބާރާތުގައި ވެސް ގިނަ އަދަދެއްގެ ފުޓްސަލް ތަރިން ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާއެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމާފައެވެ.

މުބާރާތް ސްޕޮންސާކުރުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. އިތުރު މައުލޫމާތު 7770630 އަށް ގުޅުމުން ލިބޭނެކަމަށް މަޅި މޯލްޑިވްސް އިން މައުލޫމާތުދެއެވެ.