އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ސްޓީވަން ޖެރާޑްގެ އެސްޓަންވިލާ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑު ހަތަރުވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި މޮޅާއެކު އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑު ބައްދަލުކުރަން ޖެހޭނީ ދެވަނަ ޑިވިޝަނުގެ މިޑްލްސްބްރޯ އާއެވެ. އަދި މި ބައްޔާއެކު އެސްޓަންވިލާ ވަނީ މުބާރާތުން ކަޓާފައެވެ.
ޔުނައިޓެޑުގެ ދަނޑުގަައި ކުޅުނު މި މެޗު އެ ޓީމު ކާމިިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. ފްރެޑްގެ ހުރަހަކުން މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މެކްޓޮމިނޭ އެވެ.
މެޗުގެ ދެވަނަ ހާފުގައި އެސްޓަންވިލާ އިން ދެ ލަނޑު ޖެހިއެވެ. ނަމަވެސް މި ދެ ލަނޑުވެސް ރެފްރީ ބަލައެއް ނުގަތެވެ. މި ދެ ލަނޑުވެސް ރެފްރީ ބަލައިނުގަތީ އޮފްސައިޑު ކަމަށް ނިންމައިގެންނެވެ.
މީގެތެރެއިން ފުރަތަމަ ލަނޑާއި މެދު ބޮޑު ބަހުސަކަށްވި އެވެ. ރެފްރީ ގޮތް ނިންމީ ވީއޭއާރުގެ އެހީތެރިކަމާއި އެކުގައެވެ. ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑުޖަހާޏެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިޗް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ޓީމުން މެޗު ކޮންޓްރޯލްކޮށްގެން ކުޅުމުގެ މުހިއްމުކަމުގެ މައްޗަށެެވެ. އަދި ޓީމުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ހުރިކަން އޭނާ ފާހަގަކުރިއެވެ.