މަޝްހޫރު ސްޕެނިޝް ލަލީގާގެ ލަސް ޕަލްމަސްއަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރެއް ކަމަށްވާ ޓަނާ ޑޮމިނިގޭޒް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެ އެވެ.

މިޑްފީލްޑް ލައިނުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި މި ކުޅުންތެރިޔާ ވަނީ ލަލީގާގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ގިނަ ކުލަބުތަކުގެ ޝައުގުވެރިކަން އުފައްދާފައެވެ.

މާޒިޔާއަށް އޭނާ ސޮއިކުރިއިރު އޭނާގެ އުމުރަކީ 31 އަހަރެވެ. އޭނާ މާޒިޔާއަށް ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގައުމި ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ މާޒިޔާއަށް މިހާތަނަށް ގެނައި އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާއެވެ.

މާޒިޔާއާއި ގުޅުމަށްފަހު ޓަނާ-- ފޮޓޯ: މާޒިޔާ

މީގެއިތުރުން މާޒިޔާއިން ވަނީ ދާދިފަހުން އެ ޓީމުގެ ހެޑް ކޯޗަކަށް ޔޫރަޕާއި އޭޝިއާގައި ފާހަގަކޮށްލެވޭ ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް ގެނެސްފައެވެ. މިއީ ކުލަބު އިތުރަަށް ވަރުގަދަކުރުމަށް އެ ކުލަބުން ފެށި މަސައްކަތުގެ މުހިއްމު ބައެކެވެ.

ޔޫތު ކެރިއަރު ފަށައިގެން ޓަނާ ވަނީ ވަލަޑޮލިޑް އަދި ލަސް ޕަލްމަސްގެ ޔޫތު ޓީމަށް ކުޅެ ސީނިއާ ކެރިއަރުގައި ފާހަގަކޮށްލެވޭ ކުލަބުތަކަކަށް ކުޅެފައެވެ. އަަދި ވެސިންޑާރިއޯ ބީ ޓީމާއި ވިލަ ސަންޓާ ބްރިގިޑާއަށް ކުޅެފައެވެ.

 

އޭނާގެ ސީނިއާ ކެރިއަރުގައި 2012 ގައި ވަނީ ލަސް ޕަލްމަސްގެ ސީ ޓީމަށް ކުޅެފައެވެ. އޭގެ ޖެހިގެން އައި އަހަރު އޭނާ ވަނީ އެ ކުލަބުގެ ސީނިއާ ޓީމަށް ޕްރޮމޯޓުވެފައެވެ. ލަސް ޕަލްމަސްގެ ސީނިއާ ޓީމާއި ގުޅި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 139 މެޗުގައި 13 ލަނޑު ޖަހާފައެވެ.

ޖުމްލަކޮށް ސްޕެނިޝް ލީގުގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދަކީ 10 އެވެ. އެއީ ކުޅުނު ޖުމްލަ 83 މެޗުގައެވެ. އޭނާ ވަނީ ލަލީގާގެ ބޮޑެތި ކުލަބުތަކާއި ދެކޮޅަށްވެސް މޮޅު ކުޅުމެއް މީގެކުރިން ކުޅެފައެވެ

މާޒިޔާގައި ޓަނާ އާއި އެކު ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ މި ސީޒަނަށް އެ ޓީމަށް ގެނައި ނޭޕާލްގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ލިމްބޫ ކުމާރު އާއި މޮންޓެނިގްރޯގެ ޑިފެންޑަރ ނެމަންޖާ ކާޓަލް އަދި ސެއިންޓް ވިންސެންޓުގެ ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މާޒިޔާއަށް ކުރިޔަށް ދެން އޮތީ ދިވެހި ޕްރިމިއަރ ލީގެވެ. މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. އަދި އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭނީ އަންނަ މެއި މަހުގެ ތެރޭގައެވެ.