ޖަރުމަނު ލީގުގައި އާރުބީ ލިޕްޒިގް އަތުން ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

އާރުބީ ލިޕްޒިގް އަތުން ބަޔާން މޮޅުވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން 52 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ ކުޅުނު 20 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ބަޔާން ވަނީ ލީޑު ނަގާފައެވެ. މިއީ ތޯމަސް މުލާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މުލާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ލެވަންޑޮސްކީގެ ފޮނުވާލި ބޯޅަ ކީޕަރު އަތުން ދޫވެ ރީބައުންސަށް އެރި ބޯޅަައެއްގައި ކާމިޔާބުކުރި ލަނޑެކެވެ.

ލިޕްޒިގް އިން ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިއީ ލައިމާ ހުރަސްކުރި ބޯޅައަކުން އަންދްރޭ ސިލްވާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ތޯމަސް މުލާ ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ މި ލަނޑު ބަލައެއް ނުގަތެވެ. އެއީ އެ ބޯޅަ ޖެހުމުގެ ކުރިން ލެވަންޑޮސްކީ ފައުލްކޮށްފައި ވުމާއެކު އެވެ. ބަޔާން ލީޑުނެގި ލަނޑު ލެވަންޑޮސްކީ ކާމިޔާބުކޮށްފައިވަނީ ކިންގްސްލީ ކޫމަން ގެ ހުރަހަކުން ބޮލުން ފޮނުވާލައިގެންނެވެ.

ލިޕްޒިގް އިން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ކްރިސްޓިއަން އެންކުންކޫ ތިރިތިރިން ފޮނުވާލި ބޯޅައެއްގައި ކާމިޔާބުކުރި ލަނޑެކެވެ. މެޗުން ބަޔާން މޮޅުވި ލަނޑަކީ ލިޕްޒިގްގެ ޖޮސްކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.