މިިދިޔަ އަންގާރަ ދުވަހު ވެސްޓް ހޭމްއަށް ކުޅެމުން އަންނަ ޑިފެންޑަރު ކާޓް ޒޫމާ ގެންގުޅޭ ބުޅަލަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި އޭނާއަށް ސްޕޮންސާދިނުން އެޑިޑާސް އިން ހުއްޓާލައިފި އެވެ.

އާންމުން ރުޅިގަދަވި މި ވީޑިއޯއާއި ގުޅިގެން އެޑިޑަސް އިން އޭނާގެ ސްޕޮންސާޝިޕް ހުއްޓާލުމާއި އެކު އެ ގައުމުގެ ޖަނަވާރުތަކާއި ބެހޭ އިދާރާތަކުން ވަނީ އޭނާގެ ގެއިން އެ ބުޅާތައް ނަގާފައެވެ.

އޭނާގެ ކުލަބު ވެސްޓް ހޭމް އިންވެސް ވަނީ ޒޫމާ އަށް ބޮޑެތި އަދަބުތަކެއް ދީފައެވެ. އެގޮތުން އެ ކުލަބުން ވަނީ އޭނާ ޖޫރިމަނާކޮށްފައެވެ. އަދި 150،000 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ވަނީ ހުށައަޅާފައެވެ. މި ޕެޓިޝަންގައި ގޮވާލާފައިވަނީ ޒޫމާ އަށް ބޮޑު އަދަބެއް ދިނުމަށެވެ.

އެޑިޑަސް އިން އޭނާއާއި އެކު ސްޕޮންސާޝިޕް ހުއްޓާލިކަން ހާމަކޮށްފައިވަނީ ބުދަދުވަހު ނެރުނު ނޫސް ބަޔާނެއްގަައެވެ. އެ ކުންފުނިން ބުނީ މިވަގުތުން ފެށިގެން ޒޫމާ އަކީ އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް އޮތް ކުޅުންތެރިއެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ޒޫމާގެ ފަރާތުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އޭނާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އެއްވެސް އުޒުރެއް ދެއްކެން ނެތްކަމަށް ވެސް ޒޫމާ ބުނެއެވެ.

"ވީޑިއޯ އިން ފެންނަ ދެ ބުޅަލުގެ ހާލުވެސް ރަނގަޅު، އެޔަށް ގެއްލުމެއް ލިބިފައެއް ނުވޭ، އެ ބުޅާތަކަކީ މުޅި އާއިލާއިން ވެސް ވަރަށް ބޮޑަށް ބަލަމުން އަންނަ ބުޅާތަކެއް، މިފަދަ ކަމެއް ދެން ތަކުރާރު ނުވާނެ" ޒޫމާ ގެ ބަޔާނުގައިވެއެވެ.