އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލީގުގައި ލެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލުން ވަނީ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ފުޅާކޮށްފައެވެ.

އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ކުޅުނު 24 މެޗުން ލިބުނު 60 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 23 މެޗުން ލިބުނު 51 ޕޮއިންޓާއެކު އެވެ. ތާވަލުގެ ތިންވަނައިގައި އޮތީ ޗެލްސީ އެވެ. އެއީ ކުޅުނު 24 މެޗުން ލިބުނު 40 ޕޮއިންޓާއެކު އެވެ.

ތާވަލުގެ ފަސްވަނަ މަގާމަށް އާސެނަލް އެރީ ރޭ ރަށުންބޭރުގައި ވުލްވްސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެ ޓީމު ފަސްވަނައިގައި އޮތީ ކުޅުނު 22 މެޗުން 39 ޕޮއިންޓާއެކު އެވެ. ޔުނައިޓެޑު ވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެއީ 23 މެޗުންނެވެ.

މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ އެވެ. ޖޮޓާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ވެންޑައިކް ޖެހި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް އަތުން ދޫވި ބޯޅައެއް ހޯދުމަށްފަހު އެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު ޖޮޓާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 84 ވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މަޓިޕް ދިން ބޯޅައަކުންނެވެ.

ވުލްވްސް އަތުން އާސެނަލް މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑަކީ ގެބްރިއަލް މެގާޅެސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މި ލަނޑު އޭނާ ކާމިޔާބުކުީ މެޗުގެ 25 ވަނަ މިނެޓުގައެވެ.