އިނގިރޭސި ޕްރިމިއަރ ލީގުން ރަޝިޔާގައި ބްރޯޑްކާސްޓުކުރުމުގެ ލައިސެންސް ދިން އޮކޯ ސްޕޯޓް އާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ރަޝިޔާގެ މި ޓީވީ ޗެނަލާއި އިނގިރޭސި ޕްރިމިއަރ ލީގާއި ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލާފަައިވަނީ މި އަންގާރަ ދުވަހުގައެވެ.

މި ޗެނަލަކީ ޕްރިމިއަރ ލީގުގެ މެޗުތައް ދެއްކުމުގައި ރަޝިޔާގައި މަގްބޫލު ޗެނަލެކެވެ. އެ ޗެނަލާއެކު ޕްރިމިއަރ ލީގުން އެއްބަސްވުން ހެދީ މި ސީޒަނުގެ ނިޔަލަށެވެ. ޕްރިމިއަރ ލީގުން މި ނިންމުން ނިންމީ ލީގުގެ 20 ކުލަބުވެސް އެއްބަސްވުމާއެކު އެވެ.

ޕްރިމިއަރ ލީގުން ވަނީ މިހާތަނަށް އެކި ގޮތްގޮތަށް ޔޫކްރެއިންގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ބާއްވާފައެވެ.

"ޕްރިމިއަރ ލީގުގެ ކުލަބުތަކާއި އެކު ކުރެވުނު މަޝްވަރާތަކާއި އެކު މި ނިންމީ އޮކޯ ސްޕޯޓް އާއެކު ހަދާާފައިވާ އެއްބަސްވުން މިއަދުން ފެށިގެން އުވާލުމަށް، އަދި މި ނިންމީ އެއް މިލިއަން ޕައުންޑް ޔޫކްރެއިން ރައްޔިތުންނަށް ހަދިޔާކުރުމަށް " ޕްރިމިއަރ ލީގުގެ ބަޔާނުގައިވެއެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ހިންގަމުންގެންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި ސުލްހަޔާއި ހަމަޖެހުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މި ހަދިޔާކުރާ އެއް މިލިއަން ޕައުންޑަކީ ޔޫކްރެއިނުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ވި އެހީއެއްކަމަށް ޕްރިމިއަރ ލީގުން ހާމަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު