ފްރެންޗް ލީގުގައި ބޯޑޯ އަތުން ޕީއެސްޖީ މޮޅުވި މެޗުތެރެއިން ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުން އެ ކުލަބުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި އެ ކުލަބުގެ ވެރިޔާ އަލް ހެލައިފީއަށް އަމާޒުވެއްޖެ އެވެ.

މިއީ ޔުއެފާ ޗެމްޕިއަންސް ލީގުން ރެއާލް މެޑްރިޑް އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކީ ފަހުން ޕީއެސްޖީ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ނޭމާ އަދި މެސީއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުމުގެ އަޑު ގަދަވެގެންދިިޔަ އެވެ. އަދި ދޭތެރެ ދޭތެރެއިން ކުލަބުގެ ވެރިޔާއަށް ވެސް ފާޑުކިޔުން އަމާޒުކޮށް އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ.

ޕީއެސްޖީން މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމްގެ އެހީއާާއެކު ކީލިއަން އެމްބާޕޭ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ އެހީއާއެކު ނޭމާ ކާމިޔާބުކުރި އިރު ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕަރެޑޭޒް އެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ 28 މެޗު ކުޅެގެން ތާވަލުގެ އެއްވަނައިގައި 65 ޕޮއިންޓާއެކު އެވެ. އެންމެ ކައިރިން ދެވަނައިގައި ނީސް އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 50 ޕޮއިންޓާއެކު އެވެ.

މެޗަށްފަހު ޕޮޗެޓީނޯ ވަނީ އޭނާގެ އުދާސްތައް ބަންޑުންކޮށްލާފައެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓުމުން އެ ހިތްދަތިކަމުގައި އަދިވެސް ކުޅުންތެރިން ތިބި ކަމަށާއި ސަޕޯޓަރުންގެ އިހުސާސްވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.

"ހަމައެކަނި މެސީއާއި ނޭމާއެއް ނޫން، މުޅި ޓީމުވެސް އަދިވެސް މިއޮތީ އެ ހިތްދަތިކަަމުގަ، އަހަރެމެން އެ ހުރިހާ ޒިންމާއެއް ނަގަން، އަހަރެމެން ކުރިޔަށްއޮތް ތަނުގައިވެސް މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދުމަށް" ޕޮޗެޓީނޯ ބުންޏެވެ.