ތާރީހަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ރެއާލް މެޑްރިޑް ބަލިކުރުން އޮތީ ކުޅުންތެރިންގެ އަތް މަތީގައި ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް އަދި ސިޓީ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ، ތާރީހަކީ ލިޔެވިފައި އޮތް އެއްޗެއް ކަމަށާއި، އެއީ ބަދަލު ނުކުރެވޭނެ ކަމެއް ކަމަށެވެ.

ނަމަވެސް، މެޗަށް ނިކުންނާނީ ރެއާލްގެ 11 ކުޅުންތެރިންނާ ދެކޮޅަށް ސިޓީގެ 11 ކުޅުންތެރިން ކަމަށާއި، މެޗުގައި ނަތީޖާ ނެރުމުގެ ހުރިހާ ބާރެއްވެސް އޮތީ ކުޅުންތެރިންނަށް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

އެގޮތުން ގާޑިއޯލާ ބުނީ، މެޗުގެ މުހިންމު ކަމާއި، މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭކަން ކުޅުންތެރިންނަށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި މެޗުގައި ސިޓީ ކުޅޭނީ އެޓީމުގެ ގޮތުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މެޗު ކުޅެން ޖެހޭނީ ވަރަށް އެކަމާ ވެގެން. މިއީ ހަޔާތުގައި އެއްފަހަރު ތަޖުރިބާ ކޮށްލަން ލިބޭނެ މެޗަކަށްވެސް ވެދާނެކަން ކުޅުންތެރިންނަށް ކިޔައިދިނިން. އަހަރެން ބޭނުންވަނީ ކުޅުންތެރިންގެ ސިކުނޑީގައި ކޮންމެ މެޗަކުންވެސް މޮޅުވާންޖެހޭކަން ބަހައްޓަން. ކުޅުންތެރިން ތަފާތު ދައްކާނެ" މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ސިޓީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި 0-1 ގެ އެގްރިގޭޓް ނަތީޖާއަކުން އެޓްލެޓިކޯ މެޑްރިޑް ބަލި ކުރުމަށްފަހުއެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގު މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސިޓީ ދަނޑުގައި ކުޅޭއިރު، ދެވަނަ ލެގު އޮންނާނީ އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ.