ޖަރުމަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާން މިއުނިކް އަދި ބްރޫޝިއާ ޑޯޓްމަންޑްވެސް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ބަޔާން ބަލިވީ ރަށުން ބޭރުގައި މެއިންޒްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

މެއިންޒް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ 18 ވަނަ މިނެޓުގައި އެޓީމުންނެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ މެއިންޒްއިންނެވެ.

އެގޮތުން 27 ވަނަ މިނެޓުގައި މެއިންޒް އިން ލީޑު ފުޅާކޮށްފައިވާއިރު، 33 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ރޮބަޓް ލެވަންޑޯސްކީގެ ލަނޑުން ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ މެއިންޒްއިން ލީޑު އިތުރަށް ފުޅާކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑުގެ އިތުރުންވެސް މެއިންޒްއަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައި ބަޔާންއަށް އޮން ޓާގެޓަށް ހެދިފައިވަނީ އެޓީމުން ޖެހި ލަނޑު އެކަނިއެވެ. ނަމަވެސް މެއިންޒްއިން ވަނީ ހަތް ޝޮޓް އޮން ޓާގެޓަށް ހެދުމުގެ އިތުރުން 11 ޝޮޓް އޮފް ޓާގެޓަށް ހަދާފައެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ކުޅުނު 32 މެޗުން 75 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން މޮޅުވި މެއިންޒް އޮތީ ކުޅުނު 32 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ނުވަ ވަނައިގައެވެ.

ބްރޫޝިއާ ޑޯޓްމަންޑް ބަލިވީ އަމިއްލަ ދަނޑުގައި ބޮޗަމްއާ ވާދަކޮށް 3-4 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ކުރީކޮޅު ބޮޗަމްއިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން ތިން ވަނަ މިނެޓުގައި ޕޮލްޓާ އެޓީމަށް ލީޑު ނަގައިދީފައިވާއިރު، 8 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައިވަނީ ހޮލްޓްމަންއެވެ.

ނަމަވެސް، ޑޯޓްމަންޑް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، 18 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަކީ ޕެނަލްޓީއަކުން އެރިކް ހާލަންޑް އެޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން، ޑޯޓްމަންޑްއިން ވަނީ 30 ވަނަ މިނެޓުގައި އެޓީމަށް ލިބުނު އިތުރު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑްއެވެ.

ދެވަނަ ހާފް ފެށިގެން 62 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ޑޯޓްމަންޑަށް ލީޑު ނަގައިދީ، އޭނާގެ ހެޓްރިކްވެސް ފުރިހަމަކޮށްދީފައެވެ.

ނަމަވެސް، މެޗުގެ ފަހު 10 މިނެޓު ތެރޭގައި ދެ ލަނޑު ޖަހައި، ބޮޗަމްއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން 81 ވަނަ މިނެޓުގައި ލޮކާޑިއާ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައިވާއިރު، 85 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަނބުރާ ލީޑު ނެގީ ޕެންޓޮވިޗްއެވެ.