ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް، ނޯވޭގެ ސްޓްރައިކަރު އެރްލިންގް ހާލަންޑް މެންޗެސްޓާ ސިޓީއަށް ބަދަލުވިކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ.

ސިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހާލަންޑްގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޑޯޓްމަންޑްއާއެކު އެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އެގޮތުން އޭނާ ކްލަބާ ގުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

"ހާލަންޑްގެ ޓްރާންސްފާގައި މިހާރު ކުރިޔަށްދަނީ ކުޅުންތެރިޔާ އާއި ކްލަބާ ދެމެދު ވެވޭ އެއްބަސްވުމުގެ ކަންކަން" ސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީއަށް ހާލަންޑް ބަދަލުވާން އެއްބަސްވެފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ 2027 ވަނަ އަހަރުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

މީގެއިތުރުން ސިޓީން ހާލަންޑް ގެނެސްފައިވަނީ 51 މިލިއަން ޕައުންޑުގެ ރިލީޒް ކްލައުޒްއެއް ޑޯޓްމަންޑްއަށް ދައްކައިގެން ކަމަށާއި، އޭނާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު 400،000 ޕައުންޑު ސިޓީން ހޭދަ ކުރާނެ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ސިޓީން ހާލަންޑް ގެނެސްފައި މިވަނީ އޭނާ ހޯދުމަށް ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ބަޔާން މިއުނިކް އިން މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

ޑޯޓްމަންޑްގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 88 މެޗުގައި ހާލަންޑް ވަނީ 85 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޑޯޓްމަންޑްއާއެކު ޖަރުމަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.