ލިވަޕޫލްގެ ޕްލޭޔާ އޮފް ދަ ސީޒަނުގެ މަގާމް އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ހޯދައިފިއެވެ.

ލިވަޕޫލްގެ ސަޕޯޓަރުންނާއި އޮފިޝަލުންގެ ވޯޓުން ހޮވާ މި މަގާމް ސަލާހް އަށް ލިބުނީ ގޯލްކީޕަރު އަލިސަން ބެކާއާ ވާދަކޮށެވެ.

ސަލާހް ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅެދިން 51 މެޗުގައި 31 ގޯލް ޖަހައި އިތުރު 15 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. އޭގެ ތެރެއިން 23 ގޯލް އޭނާ ޖެހީ ޕްރިމިއަ ލީގުގައެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ވިންގް، ދެކުނު ކޮރެއާގެ ސޮން ހިއުން މިން އާއެކު ޕްރިމިއަ ލީގުގެ ރަން ބޫޓް ވެސް ސަލާހް ހާސިލްކުރިއިރު އޭނާ ވަނީ ޕީއެފްއޭ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ޙާސިލްކޮށްފައެވެ.

ލިވަޕޫލާއެކު ސަލާހު ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި ލީގް ކަޕް ކާމިޔާބުކޮށްފައެވެ. ޗެމްޕިއަން މެންޗެސްޓަ ސިޓީގެ ފަހަތުން ލީގުގެ ދެވަނަ ލިވަޕޫލުން ހޯދިއިރު ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ވާދަކޮށް ފައިނަލުން އެ ޓީމް ވަނީ ބަލިވެފައެވެ. ކަލެކްޓިވްލީ ސަލާހް ވަނީ މި ހުރިހާ މުބާރާތެއްގައިވެސް ޖުމްލަ ގޮތެއްގައި މޮޅަށް ކުޅެފައެވެ.

ލިވަޕޫލްގެ މޮޅު ކުޅުންތެރިއާގެ މަގާމް ސަލާހް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދިއިރު އޭނާ ލިވަޕޫލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ލިވަޕޫލާއެކު ސަލާހު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އަދިވެސް އޮތީ އެއްބަސްވުން އާ ކުރުމަށް އަލިމަގެއް ނުފެނިފައެވެ. ރިޕޯޓުތައް ބުނާގޮތުން ކޮންޓްރެކްޓު އާ ނުކުރެވި ދިގުލައި ދަނީ ސަލާހް ބޮޑު މުސާރަ އަކަށް ޑިމާންޑު ކުރަމުންދާތީ އެވެ. މިދިޔަ މަހު ފަހު ކޮޅު ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަލާހް ބުނީ ކުރިއަށް އޮތް ސީޒަނުގައި ޔަގީނުންވެސް ލިވަޕޫލުން ފެންނާނެ ކަމަށެވެ.