ޕޯޓޯ ދޫކޮށް ޕޯޗުގަލްގެ މިޑްފިލްޑަރު ފަބިއޯ ވިއެރާ އާސެނަލްއަށް ސޮއިކޮށްފިއެވެ.

އާސެނަލްއާ ފަބިއޯ ގުޅުނުކަން އެ ކްލަބުން ހާމަކޮށްފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން އުމުރުން 22 އަހަރުގެ މިޑްފިލްޑަރު އެ ކްލަބަށް ބަދަލުވީ 30 މިލިއަން ޕައުންޑަށެވެ.

އާސެނަލްއިން ބުނެފައިވަނީ ފަބިއޯ އެ ކްލަބާ ގުޅިފައި ވަނީ "ލޯންގް ޓާމް" އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ އެ ކްލަބުގައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށް މަޑުކުރަން ޖެހޭނެއެވެ.

ފަބިއޯ ޓީމާ ގުޅުމުން އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ބުނީ، ފަބިއޯ ފަދަ ޒުވާން ހުނަރުވެރި ކުޅުންތެރިޔަކު ޓީމާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، އޭނާއާއެކު ކުރިޔަށް އޮތް ސީޒަން ފެށުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ޕޯޓޯ އިން 20-2019 ވަނަ ސީޒަނުގައި ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ފަބިއޯ ވަނީ އެ ކްލަބަށް އޭނާ ކުޅުނު ތިން ސީޒަނުގައި 75 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 20-2019 އަދި 21-2020 ވަނަ ސީޒަނުގައި ޕޯޓޯގެ ޒުވާން ޓީމަށްވެސް ކުޅެފައެވެ.

ޕޯޓޯގެ ސީނިއާ ޓީމާއެކު ދެ ލީގު ތަށި އަދި އެއް ލީގު ކަޕް ކާމިޔާބުކޮށްފައިވާ ފަބިއޯ ވަނީ ޕޯޓޯގެ ޒުވާން ޓީމާއެކު ޔުއެފާ ޔޫތު ކަޕްވެސް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ޕޯޗުގަލްގެ ސީނިއާ ޓީމަށް މިހާތަނަށް ފަބިއޯ މެޗެއް ނުކުޅުނު ނަމަވެސް، އޭނާ ވަނީ ޕޯޗުގަލްގެ 18، 19، 20 އަދި 21 އަހަރުން ދަށުގެ ޓީމަށް މެޗުތައް ކުޅެ، ލަނޑުތައްވެސް ކާމިޔާބުކޮށްފައެވެ.