މެޗު އޮފިޝަލުން ހަމަނުވެގެން އެފްއޭއެމް ދެވަނަ ޑިވިޝަންގެ ދެ މެޗެއް އިއްޔެ ކެންސަލްކޮށްފިއެވެ.

އިއްޔެ ފުރަތަމަ ކެންސަލް ކޮށްފައި ވަނީ ކްލަބް ޕީކޭ އަދި ދިވެހި ސިފައިންގެ ކްލަބް ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތް މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އިއްޔެ ހަވީރު 16:00 ޖަހާއިރެވެ.

އިއްޔެ ދެވަނައަށް އެފްއޭއެމް އިން ކެންސަލް ކޮށްފައި ވަނީ ޖޭޖޭ ސްޕޯޓްސް ކްލަބް އަދި ޓެންޓް ސްޕޯޓްސް ކްލަބް ބައްދަލު ކުރުމަށް ހަމަޖެހިފައިވާ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ރޭ 21:00 ޖަހާއިރެވެ.

އެފްއޭއެމް އިން ބުނީ، މި ދެ މެޗުވެސް ނުކުޅެ ފަސް ކުރަން ޖެހުނީ ބޭނުންވާ ވަރަށް މެޗު އޮފިޝަލުން ނުލިބުމުން ކަމަށާއި، އެ ދެ މެޗު ކުޅޭނެ ތާރީހެއް އިއުލާން ކުރާނެ ކަމަށެވެ.

ދެވަނަ ޑިވިޝަނުގައި ޖުމްލަ 16 ކްލަބް ބައްދަލުކުރަމުން އަންނައިރު، 59 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އެފްއޭއެމް އިން ދިވެހި ޕްރިމިއާ ލީގު އަދި ދެވަނަ ޑިވިޝަން އެއްކޮށް ކުރިޔަށް ގެންދަމުންދާ މި ދަނޑިވަޅުގައި މެޗު އޮފިޝަލުން މަދުވެގެން އުޅޭ ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެފްއޭއެމްގެ ބައެއް ރެފްރީންތައް މި ދުވަސްކޮޅު ރާއްޖެތެރޭގައި ކުރިޔަށްދާ ބައެއް މުބާރާތްތަކުގައި އަންނަނީ އިންސާފުކުރަމުންނެވެ.