މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ޖެހޭ ކަމަށް އެ ކްލަބުގެ ލެޖެންޑް ވޭން ރޫނީ ބުނެފިއެވެ.

ދަ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުނީ، ރޮނާލްޑޯ ކްލަބް ދޫކޮށްލަން ބޭނުންވާނަމަ އެ ފުރުސަތު އޭނާއަށް ދޭން ޖެހޭ ކަމަށާއި، ރޮނާލްޑޯއަށް އަދިވެސް ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

ޔުނައިޓެޑު އޮތީ ތައްޓަށް ވާދަކުރާ ވަރަށްވުރެ ދަށުގައިކަން ފާހަގަ ކުރަމުން ރޫނީ ބުނީ، ޔުނައިޓެޑުން ޖެހެނީ ޓީމެއް ބިނާ ކުރަން ކަމަށާއި، އެކަމަށް ދެތިން އަހަރު އަދި ނަގާނެ ކަމަށެވެ.

"ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން ފުރުސަތު ދޭން ޖެހޭ. އެއީ އޭނާއަށް ޔުނައިޓެޑަށް މޮޅަށް ނުކުޅެވޭނެތީއެއް ނޫން. ރޮނާލްޑޯއަކީ ކޮންމެ ޓީމަކަށް ކުޅުނަސް ލަނޑު ޖަހާނެ ފެންވަރު ހުރި ކުޅުންތެރިޔެއް" ދަ ޓައިމްސްއަށް ދިން އިންޓަވިއުގައި ރޫނީ ބުންޏެވެ.

ރޮނާލްޑޯގެ ކުރިމަގާމެދު ސުވާލުތައް އުފެދިފައިވާ މި ދަނޑިވަޅުގައި ރިޕޯޓްތައް ބުނާގޮތުން އޭނާ ދޫކޮށްލަން ޔުނައިޓެޑުގެ މެނޭޖްމަންޓުން އެއްބަހެއް ނުވެއެވެ. އަދި އޭނާ ދޫކޮށްލަން ކޯޗު އެރިކް ޓެން ހާގްވެސް އެއްބަހެއް ނުވެއެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ ބޭނުން ވަނީ ޔުނައިޓެޑު ދޫކޮށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމަކަށް ކުޅޭށެވެ. އަދި އެ ފުރުސަތު ލިބޭތޯ ރޮނާލްޑޯ އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ޕްރީ ސީޒަނުގައި އެންމެ މެޗެއް ކުޅެފައިވާ ރޮނާލްޑޯއަށް އާއިލީ ސަބަބުތަކާ ގުޅިގެން ޕްރީ ސީޒަނުގައި ޔުނައިޓެޑާއެކު ގިނަ ފަރިތަކުރުންތަކެއް ނުހެދެއެވެ.

ނަމަވެސް ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ބުނީ ރޮނާލްޑޯއަކީ ފިޓްކޮށް ހުންނަން އަބަދުވެސް މަސައްކަތް ކުރާ ކުޅުންތެރިޔެއް ކަމަށާއި، އޭނާއާ މެދު އިތުބާރު އެބައޮތް ކަމަށެވެ.